ތިން މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބުނެ ފެތުރި ވާހަކަތަކުން ގައުމުގެ އިގްތިސާދު ސަލާމަތްކޮށް، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދަމުންދާ މަންޒަރު ފެނުމަކީ ވެރިކަމަށް ދަހިވެތިވެފައި ތިބި ނާކާމިޔާބު ލީޑަރުންނަށް ކެތްކުރެވޭނެ ކަމެއް ނޫން ކަމަށް ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ އަޝްރަޤް ވިދާޅުވެއްޖެއެވެ.
އެކްސް ޕޯސްޓެއްގައި އޭނާ ވިދާޅުވީ ދިވެހިރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓަރުންނަށް ބިރުދައްކައި، އެ ފަރާތްތަކުގެ އިތުބާރު ގެއްލުވާލުމަށް މަސައްކަތް ކުރުމަކީ ގައުމަށް ހެޔޮއެދޭ އެއްވެސް ފަރާތަކުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ މަންފާއަށްޓަކައި ގައުމީ އިގްތިސާދަށް ގެއްލުންދިނުމަށް ކުރާ އެފަދަ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ ކާމިޔާބު ނުވާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބުނެ ފެތުރި ވާހަކަތަކުން ގައުމުގެ އިގްތިސާދު ސަލާމަތްކޮށް، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދަމުންދާ މަންޒަރު ފެނުމަކީ ވެރިކަމަށް ދަހިވެތިވެފައި ތިބި ނާކާމިޔާބު ލީޑަރުންނަށް ކެތްކުރެވޭނެ ކަމެއް ނޫން
އެހެންނަމަވެސް،…— 🇲🇻އަޝްރަޤް 🇵🇸 (@Ashhrag) September 29, 2026
ދިވެހި ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ބައްޓަންކުރައްވައި، އިޚްލާސްތެރިކަމާއެކު މަސައްކަތްކުރައްވާ މިއަދުގެ ހަމައެކަނި ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށްވެސް އަޝްރަޤް ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާ މި ދަނޑިވަޅުގައި، ބޭރުގެ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ކުރިން ރާއްޖެ މާލީ ނުރައްކަލެއްގެ ތެރެއަށް ވެއްޓިދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް، ސަރުކާރުން ބުނަމުންދަނީ އިގްތިސާދީ ހާލަތު އަންނަނީ ހަމަމަގަށް އެޅެމުން ކަމަށެވެ.











