ދަރުމަވަންތަ ހޮސްޕިޓަލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެވިގޭޝަން ބޭނުންކޮށްގެން ސިކުނޑީގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފިއެވެ. މިއާއެކު ދަރުމަވަންތަ ހޮސްޕިޓަލުން މިވަނީ ރާއްޖޭގެ ސިއްހީ ދާއިރާގައި ތާރީހީ ބޮޑު ކުރިއެރުމެއް ހޯދައިފައެވެ.
މި އޮޕަރޭޝަން ކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގެ އެންމެފަހުގެ ޓެކްނޮލޮޖީ ކަމަށްވާ ”މެޑްޓްރޯނިކް ސްޓެލްތްސްޓޭޝަން އެސް 8“ ބޭނުންކޮށްގެން ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވަނީ ބުނެފައެވެ. މިއީ ރާއްޖޭގައި ޒަމާނީ އަދި އެންމެ ފުރިހަމަ ނިއުރޯސާޖަރީގެ ހިދުމަތްތައް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު ވަރަށް މުހިންމު ކާމިޔާބީއެކެވެ.
The Department of Neurosurgery at Dharumavantha Hospital has successfully performed the country’s first navigation-guided brain surgery using the Medtronic StealthStation™️ S8.
A major milestone in bringing advanced precision neurosurgery to the Maldives.#DharumavanthaHospital… pic.twitter.com/ipViFImQSH
— IGMH (@igmhmv) September 28, 2026
ސްޓީރިއޯޓެކްޓިކް ނިއުރޯނެވިގޭޝަން ނުވަތަ ނެވިގޭޝަން ބޭނުންކޮށްގެން ކުރާ ސާޖަރީއަކީ، އެއްގަމު ދަތުރުފަތުރުގައި މަގު ހޯދުމަށް ބޭނުންކުރާ ޖީޕީއެސް ނިޒާމުގެ އުސޫލުން، ސިކުނޑީގެ އޮޕަރޭޝަންތައް ކުރިއަށްދާއިރު ސިކުނޑީގެ އެތެރޭގެ ހަގީގީ މަންޒަރު ތްރީޑީކޮށް ޑޮކްޓަރުންނަށް ވަގުތުން ފެންނަން ހުންނަ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ޓެކްނޮލޮޖީއެކެވެ. މި ނިޒާމުގެ ސަބަބުން ސިކުނޑީގެ ޓިއުމަރު ނެގުމާއި، ލޭހޮޅިތަކުގެ އޮޕަރޭޝަންތަކުގެ އިތުރުން ނާރުގެ ނާޒުކު އެކި އޮޕަރޭޝަންތައް ކުރިއަށްވުރެ އެތައް ގުނައެއް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކުރުމުގެ މަގު ފަހިވެގެންދެއެވެ.
މި ޓެކްނޮލޮޖީ މައިގަނޑު ގޮތެއްގައި މަސައްކަތްކުރަނީ އޮޕަރޭޝަނުގެ ކުރިން ހަދާ އެމްއާރްއައި ނުވަތަ ސީޓީ ސްކޭންގެ އެހީގައެވެ. އެގޮތުން، އޮޕަރޭޝަން ތިއޭޓަރުގައި ހުންނަ ހާއްސަ ކެމެރާތަކާއި ސެންސަރުތައް މެދުވެރިކޮށް، ސްކޭނުން ދައްކާ މަންޒަރާއި ބަލިމީހާގެ ސިކުނޑީގެ އަސްލު އެނަޓޮމީ ވަގުތުން ގުޅުވައިދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ސާޖަން ބޭނުންކުރާ އާލާތްތައް ހުރި ސީދާ ދިމާލާއި ފުންމިން، މިލިމީޓަރެއްގެ މިންވަރަށް ވެސް ކަށަވަރުކަމާއެކު ކޮމްޕިއުޓަރު ސްކްރީނުން ފެންނަން ހުރެއެވެ.
އައިޖީއެމްއެޗުން ފާހަގަކުރާ ގޮތުގައި، މިފަދަ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން އޮޕަރޭޝަންތަކުގެ ރައްކާތެރިކަން ވަރަށް ބޮޑަށް އިތުރުވެ، ސިކުނޑީގެ ދުޅަހެޔޮ ނާރުތަކާއި ބައިތަކަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ކުޑަކުރެވެއެވެ. އަދި ހަމައެކަނި ބަލި އަސަރުކޮށްފައިވާ ބަޔަށް ވާސިލުވުމަށްޓަކައި ހަދަންޖެހޭ ފެޅުން ކުޑަވުމުގެ ސަބަބުން، އޮޕަރޭޝަނަށްފަހު ކުރިމަތިވެދާނެ ނުރައްކާތައް ކުޑަވެގެންދެއެވެ. މީގެއިތުރުން، ބަލިމީހާ ފަސޭހަވާ މުއްދަތު އަވަސްވެ، ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ ދުވަސްތައް ވެސް ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ.














