މަގު ކޮނުމާއި އިމާރާތްކުރުމުގައި ކަރަންޓު ކޭބަލްތަކަށް ގެއްލުންނުވާ ގޮތަށް މަސައްކަތް ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
މިކަމާ ގުޅިގެން ސްޓެލްކޯއިން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކައިރިކައިރީގައި މިފަދަ 2 ހަދިސާއެއް ހިނގައި ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1 ގެ ބައެއް ސަރަހައްދުތަކުން، ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިޔަ ކަމަށެވެ. އެގޮތުން ކުރެދިމާ ހިނގުމުގައި އަމިއްލަ ފަރާތަކުން ބިންކޮނުމުގެ ތެރޭގައި ހައިވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިއަދު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން މެދުވެރިވީ، ކުރެދިމާ ހިނގުމުގައި އަމިއްލަ ފަރާތަކުން ކުރިއަށްގެންދިޔަ ޢިމާރާތްކުރުމުގެ މަސައްކަތެއްގެ ތެރެއިން ބިންކޮނުމުގެ ތެރޭގައި ހައިވޯލްޓޭޖް ކޭބަލަކަށް ގެއްލުންވުމާ ގުޅިގެން. މީގެ އިތުރުން، މިދިޔަ… pic.twitter.com/fm5wbgMhgA
— STELCO (@STELCOMALDIVES) September 28, 2026
މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުވެސް އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މި މައްސަލަ ތަކުރާރުކޮށް ދިމާވަމުންދާތީ ސްޓެލްކޯއިން ވަނީ ކަރަންޓު ކޭބަލްތަކަށް ގެއްލުންވާ ގޮތަށް މަސައްކަތް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ހަމައެހެންމެ، މަގުކޮނުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވެ، ބިމުގެ އަޑީގައިވާ ކަރަންޓު ވިއުގައަށް އެއްވެސް ގެއްލުމެއް ނުވާނޭހެން މަސައްކަތްތައް ރާވައި ކުރިއަށްގެންދަން ޖެހޭ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ ކަރަންޓު ކޭބަލްތަކަށް ގެއްލުންވެ ހިދުމަތް މެދުކެނޑުމަކީ އާންމުންނަށް އިންތިހާއަށް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމެއް ކަމަށެވެ.














