ފުވައްމުލަކާއި އައްޑޫ ސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތާ މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހަވާލުވާން ނިންމައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފް ޙަސަންއެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީއެވެ.
އައްޑޫ ސިޓީ، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުން ފެނަކައިން އެމްޑަބްލިއުއެސްސީ އާއި ހަވާލުކުރުމާއި ގުޅޭ ފްރޭމްވޯކް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި. މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ މި ކުންފުނީގެ މެނޭޖިންގ… pic.twitter.com/gV3EY7MFyF
— Fenaka Corporation Ltd (@TeamFenaka) September 27, 2026
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ފަހުމީ ވިދާޅުވީ، އަންނަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ކުރިން މަސައްކަތްތައް ނިންމައި ފުވައްމުލަކާއި އައްޑޫ ސިޓީގައި ފެނާއި ނަރުދަމާގެ ހިދުމަތް ދޭން އެމްޑަބްލިއުއެސްސީން ފަށާނެ ކަމަށެވެ. އަދި މިއީ ފެނަކައިގެ ހިދުމަތް ދޭ ބައެއް ރަށްރަށުގެ ހިދުމަތްތައް އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ބައެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަފީފް ވިދާޅުވީ، ހިދުމަތްތައް އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލުކުރަން ދެ ކުންފުނިން މަސައްކަތް ކުރަނީ ވަރަށް ބޮޑަށް ގުޅިގެން ކަމަށެވެ. އަދި ފެނަކައިން ދިން ހިދުމަތްތަކަށް ވުރެ ރަނގަޅު ހިދުމަތެއް އެމްޑަބްލިއުއެސްސީން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމާފައިވާާއިރު ރާއްޖޭގެ މެޖޯރިޓީ ރަށްރަށަށް ފެނާއި ނަރުދަމާގެ ހިދުމަތް އަދިވެސް ދެމުން އަންނަނީ އެ ކުންފުނިންނެވެ. ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް ބަދަލުކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް ދިނުން ސްޓެލްކޯއަށް ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ ހަތް ވަނަ ދުވަހު ވިދާޅުވެފައެވެ. އެހެންކަމުން މުޅި ރާއްޖޭގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ހަވާލުވާތީ، ސްޓެލްކޯއިން މި ހިދުމަތް ފަށާ ރަށްރަށުގެ ހާލަތު ދެނެގަތުމާ ގުޅޭ ސާވޭއެއްގެ މަސައްކަތް ވެސް މި ފަހުން ވަނީ ފަށައިފައެވެ.














