މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވެ.
އެސްޓީއޯގެ ސްޓޯލް މިފަހަރު ހާއްސަކުރެވިފައިވަނީ އެސްޓީއޯގެ ޖެނެރަލް ޓްރޭޑިންގ، އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެނާރޖީ އަށެވެ. އެސްޓީއޯގެ ސްޓޯލްގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އެސްޓީއޯ ސުޕަރމާކެޓްއިން ލިބޭ ބައެއް ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ތައްޔާރުކުރެވޭ ލުއި ކާނާ ވަގުތުން ތައްޔާރުކުރާ ސްޓޭޝަންއެއް އިތުރުން، އެގްޒިބިޝަން ކުރިއަށްދާ 3 ދުވަހުވެސް ކޮފީސްޓޭޓްގެ ވަކި ބުއިންތަކެއް ހިލޭލިބިގެންދާނެއެވެ.
އެސްޓީއޯގެ ސްޓޯލްގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ލިސްޓްކުރެވިފައިވާ ބާވަތްތަކާ އެސްޓީއޯ އިލެކްޓްރޯނިކްސް ބައެއް ސާމާނުތައްވެސް ބެހެއްޓިފައިވާނެއެވެ. އަދި މީގެ އިތުރުން އެސްޓީއޯއިން ގެންނަ ބައެއް ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތު ސްޓޯލްއިން ފޯރުކޮށްދޭނެއެވެ. އަދި މީގެ އިތުރުން އާ ބްރޭންޑެއް އެ ކުންފުނިން މާދަމާ ތައާރަފްކުރުމަށް ހަމަޖެހިފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، މި ޕްރޮޑަކްޓް ބޭނުން ކޮށްގެން ތައްޔާރުކުރާ އައިސްކްރީމްއާއި ފޮނިކާތަކެތި ރަހަ ބެލުމުގެ ފުރުސަތުވެސް އެސްޓީއޯ ސްޓޯލްއިން ލިބިގެންދިއުމެވެ.
އެސްޓީއޯ ސްޓޯލްގައި އެސްޓީއޯގެ އެނަރޖީގެ ފަރާތުން މިއަހަރު ރިޒޯޓު ކަސްޓަމަރުންނަށް ހާއްސަކޮށް، ތެޔޮ އުފުލައިދިނުމުގައި އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތުދީ، މި މާކެޓުގައި ކަސްޓަމަރުންގެ ޑިމާންޑުތަށް ހުރިނެތް ގޮތް ވެސް ބަލާނެއެވެ.
މީގެ އިތުރުން އެސްޓީއޯ ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ޕޮރޮމޯޝަނަލް ހަރަކާތްތަކުގެ ގޮތުގައި ރެޖިސްޓަރ އެންޑް ވިން ގެ ނަމުގައި ހަރަކާތެއް ކުރިއަށްދާނެއެވެ. މި ހަރަކާތް ކުރިއަށްދާނީ އެސްޓީއޯ ސްޓޯލްގައި ރަޖިސްޓްރީކުރައްވާ ފަރާތްތަކުގައި މެދުގައެވެ. ކޮންމެ ދުވަހަކުވެސް މި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއްފަރާތް ގުރުއަތުން ހޮވާ އިނާމުދޭނެއެވެ. އަދި ފޮލޯއެންޑް ވިން ހަރަކާތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކޮށްގެން ނަސީބުވެރި ފަރާތަކަށް ޑިޝްވޮޝަރ އެއްލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ހޮޓެލް އޭޝިއާ 2026 ކުރިއަށް ދާނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.














