ކެމިކަލް ވިއްކާ ވިޔަފާރިތައް ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތު އިތުރު އިތުރުކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ކެމިކަލް ވިއްކާ ވިޔަފާރިތައް ރަޖިސްޓްރީކުރުމަށް ދީފައިވަނީ އެއް މަސްދުވަހުގެ މުއްދަތެކެވެ. އެގޮތުން ނުރައްކާތެރި ކެމިކަލާ ބެހޭ ގަވާއިދުގެ ދަށުން، ކެމިކަލް ވިއްކުމަށްޓަކައި، އެ ކެމިކަލް ރައްކާކޮށްފައި ބަހައްޓާ ތަންތަން ޑިފެންސް މިނިސްޓްރީގެ މަކުޑި ޕޯޓަލްގައި ރަޖިސްޓްރީކުރުމުގެ އިތުރުން ހުއްދަ ނެގުމަށް ވަނީ އަންގައިފައެވެ.
އެހެން ނަމަވެސް ދީފައިވާ މުއްދަތުގައި ހުއްދަ ހޯދުމަށް އެދިފައިވާ ފަރާތްތަކުގެ އަދަދު މަދުކަން ފާހަގަކުރެވޭތީ ނުރައްކާތެރި ކެމިކަލް ވިއްކާ ފަރާތްތަކުން ކެމިކަލް ވިއްކުމުގެ ހުއްދަ ނެގުމަށާއި، ކެމިކަލް ވިއްކުމަށް ބަހައްޓާ އަދި ރައްކާކުރާ ތަންތަން މަކުޑި ޕޯޓަލްގައި ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތު، އަންނަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ވަނީ ނިންމައިފައެވެ. މި މުއްދަތުގައި ރަޖިސްޓްރީ ނުކޮށް ކެމިކަލް ވިއްކާ ފަރާތްތަކަށް ނުރައްކާތެރި ކެމިކަލާ ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމާއި އެފަދަ ފަރާތްތަކުން ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެކުރުމުގެ ހުއްދަ އިތުރަށް ނުދިނުމަށް ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލޭގައި ސަލާމަތީ މިންގަނޑުތަކާ ހިލާފަށް ނުރައްކާތެރި ކެމިކަލް ގުދަން ކުރުމުގެ ސަބަބުން މީގެކުރިންވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން، 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި މާލޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަ ގެއަކަށާއި، ހަތަރު ގުދަނަކަށް އަލިފާނުގެ އަސަރުކޮށް، އެތައް ބަޔަކު ހާލުގައި ޖެހުނެވެ. އަދި މި ހާދިސާގައި އެކަކު ނިޔާވެފައިވާއިރު އޭރުގެ ސަރުކާރުން ވަނީ، މާލޭގައި ހުރި ގިނަ އަދަދެއްގެ ކެމިކަލް ގުދަން ތިލަފުއްޓަށް ބަދަލުކޮށްފައެވެ.
ނަމަވެސް، މިއަހަރުގެ ތެރޭގައި މާލޭގައި ހުރި ގަސް ހެއްދުމަށް ބޭނުންކުރާ ކެމިކަލް ގުދަނެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.














