ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް މާރާމާރީ ހިންގައި އޭނާގެ އަތުން ފައިސާ ފޭރުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ނޭޕާލް ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 5 ދުވަސް ކޯޓުން ދީފިއެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ހެނދުނު 06:04 އެހައިކަންހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަޙުޤީޤުގެ ތެރެއިން ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.














