ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުންދާ 24 ނެޓްވޯކެއްގެ މައްސަލަ ވަރަށް ހާއްސަ އިސްކަމެއްދީގެން ތަހުގީގުކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މި މޭރުމުން ވިދާޅުވީ ސަރުކާރުގެ މިނިސްޓަރުން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި ”އަހާ“ ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް ސަރުކާރުން ގެންގުޅޭ މައިގަނޑު ސިޔާސަތަކީ އެތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމާއި، ބޭނުންކުރާ ފަރާތްތަކަށް ފުރިހަމަ ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރި ހަރުދަނާ މަސައްކަތުން، 1.5 ބިލިއަން ދިވެހި ރުފިޔާގެ މަގުމަތީ އަގުހުރި 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށާއި، މިއީ ފާއިތުވި ސަރުކާރުތަކުގެ ފުރަތަމަ ތިން އަހަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ރެކޯޑެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައްޔިތުން ހާލުގައި ޖައްސައިގެން ގާނޫނާ ހިލާފަށް ހިންގާ މަސްތުވާތަކެތީގެ ވިޔަފާރިއަށް މި ގައުމުގައި އެއްވެސް ޖާގައެއް ނޯންނާނެކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި އޮޕަރޭޝަންތަކުގެ ތެރެއިން މަސްތުވާތަކެތީގެ މުއާމަލާތްތަކާ ގުޅުންހުރި 3.6 މިލިއަން ރުފިޔާއާއި 48،000 އެމެރިކާ ޑޮލަރުގެ އިތުރުން އަގުބޮޑެތި އެތައް މުދަލެއްވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
މަސްތުވާތަކެތީގެ ހިދުމަތްދޭ ޑްރަގް ކެފޭތަކުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ވަޒީރު ފާހަގަކުރެއްވީ، އެއް ތަނެއް ތަކުރާރުކޮށް ބަންދުކުރުމުންވެސް އަލުން ހުޅުވައިގެން ވިޔަފާރިކުރަމުންދާ ކަމަށާއި، ބައެއް ތަންތަން 150 އަށްވުރެ ގިނަ ފަހަރު ފާސްކުރަންޖެހުނު ކަމަށެވެ. މި ދާއިމީ ހައްލަކަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެފަދަ ތަންތަން މުޅިން ބަންދުކުރުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. އެގޮތުން ވޭތުވެދިޔަ 4 މަސްދުވަހުގެ ތެރޭގައި މާލެއިން 12 ތަނަކާއި، އައްޑޫ ސިޓީން 4 ތަނެއްގެ އިތުރުން ފުވައްމުލައް ސިޓީން 1 ތަން ހިމެނޭހެން ޖުމްލަ 17 ތަނެއް ވަނީ ބަންދުކޮށްފައެވެ. އަދި އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް މާލޭގައި ހިންގާ މިފަދަ ހުރިހާ ތަނެއް އެއްކޮށް ބަންދުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
މީގެއިތުރުން، ގޭންގު ކުށްތަކާއި މުޖުތަމައުގެ އަމަންއަމާންކަން ނަގާލަން މަސައްކަތްކުރާ ގްރޫޕްތައް ހުއްޓުވުމަށް ހާއްސަ އިސްކަމެއްދީގެން ސަރުކާރުން ވަނީ 52 އޮޕަރޭޝަނެއް ހިންގައިފައެވެ. މި ހަރަކާތްތަކުގެ ތެރެއިން 10،450 މީހުން ބަލައި ފާސްކޮށް، ކުށުގެ ވެށިން 517 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ފަރާތްތަކާ ގުޅުންހުރި 770 އުޅަނދު (ސައިކަލު) ވަނީ ހިފަހައްޓައިފައެވެ. ހަމައެއާއެކު، ކުށުގެ ވެށީގައި އުޅޭ ޒުވާނުން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި އިސްލާހީ މަސައްކަތްތަކެއްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.














