ފަޅުރަށްތަކާ ބެހޭ އާ ގާނޫނުގެ ދަށުން، ދަނޑުވެރިކަމާއި މެރިކަލްޗަރގެ ދާއިރާއަށް ފުޅާ ދާއިރާއެއްގައި އިންވެސްޓްމަންޓްތައް ހުޅުވި، ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މި މޭރުމުން ވިދާޅުވީ ސަރުކާރުގެ މިނިސްޓަރުން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި ”އަހާ“ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ފަސޭހަކަމާއެކު ހެއްދެން ހުންނަ ބާވަތްތަކުގެ ކާބޯތަކެތި ވެސް ރާއްޖެއިން ބޭރުން އެތެރެކުރަން ޖެހިފައި އޮތުމަކީ ގައުމީ ފެންވަރުގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މީހުން ދިރިއުޅޭ 10 ރަށެއްގައި ދަނޑުވެރިކަމުގެ ހާއްސަ މަޝްރޫއުތަކެއް ފެށުމަށް ތައްޔާރުވަމުންދާއިރު، އާ ގާނޫނަކީ އިންވެސްޓަރުންނަށް އިތުރު ލުއިފަސޭހަކަމާއި ހިތްވަރެއްގެނެސްދޭނެ ވަސީލަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެކުރިން ފަޅުރަށްތަކުގައި ހިންގި ބައެއް މަޝްރޫއުތައް ހުއްޓުމަކަށް އައިސްފައި ވީނަމަވެސް، މި ގާނޫނުގެ ދަށުން އެކުލަވައިލެވޭ ހަރުދަނާ ގަވާއިދުތަކާއެކު ދާއިރާއަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު އިޙުސާން އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖެއިން ބޭރުވާ ބޭރު ފައިސާގެ މިންވަރު ހިފެހެއްޓޭނީ އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ބޮޑެތި އިންވެސްޓްމަންޓްތަކަށް ފުރުސަތު ފަހިކޮށްދީގެންނެވެ. އެހެންކަމުން، އާ ގާނޫނުގެ މަހުސަދަކީ އެފަދަ ލުއިފަސޭހަ މާހައުލެއް އިންވެސްޓަރުންނަށް ގާއިމުކޮށްދިނުން ކަމަށް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
”އާ ގާނޫނާއެކު އެކަމަށް ވާނެ އެޑްރެސްކޮށްފައި. ހާއްސަކޮށް އިމްޕޯޓް ރިޕްލޭސް ކުރަން ބޭނުންނަމަ، އިންޕޯޓް ކުރާ މިންވަރު ދަށްކުރަން ބޭނުންނަމަ އިންވެސްޓމެންޓްތަކަށް ޖާގަަ ދޭންޖެހޭ. އަދި ދިވެހިރާޢްޖެއިން ބޭރުވާ ބޭރު ފައިސާ އެބަހިފެހެއްޓޭ. ބޮޑެތި އިންވެސްޓްމެންޓްތައް އެބައާދޭ. އެހެންވެ ލުއިދީގެން އިންވެސްޓްމެންޓްތައް ގިނަކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރަނީ.“ – މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން، މެރިކަލްޗަރ ކުރިއެރުވުމަށްޓަކައި ކެބިނެޓުން ކަނޑައަޅާފައިވާ 13 ސަރަހައްދަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، މިހާރު ލިބިފައިވާ އަދި އަލަށް ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ، އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ގަވާއިދުތައް ނިމުމާއެކު ފެށިގެންދާނެ ކަމަށެވެ.
ރާއްޖޭގެ މެރިކަލްޗަރ ދާއިރާއަކީ ފުޅާ ދާއިރާއެއްގައި ބޮޑެތި އިންވެސްޓްމަންޓްތަކަށް ބޭނުންޖެހިފައިވާ ދާއިރާއަކަށް ވާއިރު، މިހާރު ފެންނަމުންދާ ޝައުގުވެރިކަމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ދުރުރާސްތާއެއްގައި ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު އުންމީދެކެވެ.














