’އަދަދު‘ ނޫހުން ރައީސް މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތުތަކެއްކޮށް އާންމުކުރި ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި، ސަރުކާރުގެ ކުރީގެ ސިޔާސީ މުވައްޒަފު އީޝާ އަޝްރަފުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުގައި އުފުލައިފިއެވެ.
ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން އީޝާގެ މައްޗަށް މި ދައުވާ ކޯޓަށް ހުށަހެޅިކަން ޕީޖީ އޮފީހުން ކަށަވަރުކޮށްދިން ނަމަވެސް، އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައަކީ މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީއަކާ ގުޅިގެން ކުރިއަށްދާ ތަހުގީގެކެވެ. އެ ޑޮކިއުމެންޓްރީގައި ވާހަކަދެއްކި ފަރާތުގެ އަޑު ބަދަލުކޮށް ސިއްރުކޮށްފައިވީ ނަމަވެސް، އޭގެ މަސްދުވަސް ފަހުން ފުލުހުން ވަނީ ތަހުގީގު ފަށައި އީޝާ ފުލުހަށް ހާޒިރުކުރުމުގެ އިތުރުން އޭނާގެ ޕާސްޕޯޓުވެސް ހިފަހައްޓާފައެވެ.
މި ސަރުކާރުގައި ސިޔާސީ މަގާމެއްގައި ހުރުމަށްފަހު ސަރުކާރުގެ ވަޒީފާއިން ވަކިކުރި އީޝާ ވަނީ، ތަހުގީގު މަރުހަލާގައި އޭނާގެ ދިފާއުގައި ވާހަކަދެއްކުމަށް ފުލުހުން ފުރުސަތު ދީފައިނުވާކަމަށްބުނެ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށްވެސް މިދިޔަ މޭ މަހު ވަނީ ގަޒުފުގެ ދައުވާ އުފުލައި ޕާސްޕޯޓު ހިފަހައްޓާފައެވެ. ނޫސްވެރިކަމުގެ މަސްދަރު ހިމާޔަތްކުރުމުގެ ގޮތުން އެ ދެ މީހުންވެސް ތަހުގީގުގައި ތިބީ ހަނު ހިފުމުގެ ހައްގު ބޭނުންކޮށްގެންނެވެ.
މީގެ އިތުރުން، މި ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ވާހަކަދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ވަނީ ’ގެގް‘ އަމުރެއްވެސް ނެރެފައެވެ.













