އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހައި-ލެވެލް ހަފުތާގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރާއްޖެއިން އެންމެ އިސްކަމެއްދޭ މުހިންމު ދާއިރާތަކުން ބައިނަލްއަޤްވާމީ މައިދާނުގައި ނައިބު ރައީސް ވަނީ ވަކާލާތު ކުރައްވާފައެވެ.
ޢާންމު ބަހުސްގައި ދިވެހިރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުން، ކޮންމެ ޤައުމަކަށްވެސް އެ ޤައުމެއްގެ އަމިއްލަ މުސްތަޤުބަލު ބައްޓަންކުރުމުގެ ފުރިހަމަ ޙައްޤު ލިބިގެންވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ ސީދާ ގުޅިފައިވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، 1967 ގެ ކުރީގެ ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ގޮވާލައްވައި، އދ. ގެ ސަލާމަތީ މަޖިލީހުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދައުރުވާ ގޮނޑިއެއް ކަނޑައެޅުމަށާއި އދ. ގެ ނިޒާމަށް އިޞްލާޙީ ބަދަލުތައް ގެނައުމަށްވެސް ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ.
މޫސުމީ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން، ރަށްތައް ގިރަމުންދިޔަ ނަމަވެސް ރާއްޖެއިން ދޭނެ ޖަވާބަކީ ފަހަތަށް ޖެހުމެއްނެތި ވިލުންތެރިކަން އިސްކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ ހިލޭ އެހީ އަވަހަށް ލިބޭނެ އިންތިޒާމެއް ހަމަޖެހެންޖެހޭކަން ފާހަގަކުރައްވައި، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ޤާނޫނީގޮތުން ބަލައިގެންފައިވާ ކަނޑުގެ ސަރަޙައްދީ އިންތައް އުނިވާންޖެހޭނެ ނުވަތަ ދައުލަތެއްގެ ނަން އުވިގެންދާންޖެހޭ ސަބަބެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރެއްވުމުގެ ގޮތުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާންއާ އެކު ނައިބު ރައީސް މަޝްވަރާތައް ބޭއްވެވިއެވެ. އަދި ޗައިނާއިން އިސްނަގައިގެން ބޭއްވި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވް ބައްދަލުވުމުގައި ތަޤުރީރު ކުރައްވައި، ރާއްޖޭގެ ޚާރިޖީ އަދި ތަރައްޤީގެ އިސްކަންދޭ ކަންކަން ބައިނަލްއަޤްވާމީ މައިދާނުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.













