އިދިކޮޅު އެމްޑީޕީން އަބަދުވެސް ބޭނުންވަނީ ރާއްޖެއިން ނާށިގަނޑު ހިފައިގެން ސަލާމްޖަހަން އުޅުމަށް ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ޤައުމުގެ ހަރުމުދާ ވިއްކަވާނެ ވެރިއެއް ނޫން ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
އިބްރާހީމް ޝުޖާޢު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ ސިޔާސީ ވިސްނުމަކީ ރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބަދަލުގައި އަބަދުމެ އެހެން ފަރާތްތަކުގެ އެހީއަށް އެދި ސަލާމްޖެހުން ކަމަށެވެ. އަދި ޤައުމަށް އެކި ދާއިރާތަކުން ކުރިއެރުމާއި ތަރައްޤީ ލިބެންއުޅޭ ކޮންމެ ދަނޑިވަޅެއްގައި އެމްޑީޕީން ސިޔާސީ ހުރަސްތައް ކުރިމަތިކުރުވައި، އެފަދަ ”ސަކަރާތްތައް“ ޖަހަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޝުޖާޢު ވިދާޅުވީ، މިއަދު ދިވެހި ރައްޔިތުން ވިސްނުން ބަހައްޓަންވީ ޤައުމުގެ ފުއްދުންތެރިކަން އިތުރުކުރުމަށާއި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މައްޗަށް ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ޤައުމު އެންމެ އިސްކުރުމުގައި ސާބިތުވެވަޑައިގެން store ހުންނެވި ވެރިއެއް ކަމަށާއި، އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ހަރުމުދާ ވިއްކަވާނެ ވެރިއެއް ނޫން ކަމުގެ ޔަޤީންކަން ޝުޖާޢު ދެއްވިއެވެ.
މާތް ﷲގެ ތަނަވަސް ރަޙްމަތާއެކު މި ސަރުކާރުން ރާއްޖޭގެ އެއްވެސް ހަރުމުދަލެއް ނުވިއްކައި، ދިވެހި ރައްޔިތުންނަށް މި ޤައުމުން ހައްޤުވަނީ ކިހާ މިންވަރެއްކަން ބުނެދީ ސާބިތުކޮށްދޭނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ އަބަދުވެސް ރައްޔިތުންނާއެކު، ރައްޔިތުންގެ ފަޅީގައި އޮންނާނެ ސަރުކާރެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
MDP ބޭނުންވަނީ އަބަދާ އަބަދު މިޤައުމު ނާށިގަނޑު ހިފާގެން ސަލާންޖަހަން އުޅެން.އެއީ އެމީހުންގެ ވިސްނުން.ޤައުމަށް ކުރިއެރުމެއް ލިބޭންއުޅޭ ކޮންމެވަގުތަކު މިމީހުން މިސަކަރާތެއް އެބަޖަހާ!
ދިވެހިރައްޔިތުން މިއަދު ވިސްނަންވީ ޤައުމާމެދު.ފުއްދުންތެރިކަން ހޯދަން.އަމިއްލަ ފައިމައްޗަށް…— Ibrahim Shujau (@IbrahimShujaau) September 27, 2026
ކުރީގެ ރައީސް ޢަބްދުއްﷲ ޔާމީންގެ ވެރިކަމުގައި ފާފު އަތޮޅުގައި ހިންގުމަށް ރޭވި ބިޔަ އިންވެސްޓްމަންޓް މަޝްރޫޢާ ދެކޮޅަށް އެމްޑީޕީން އިޙްތިޖާޖުކޮށް ސިޔާސީ ގޮތުން ކުރި މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން ޝުޖާޢު ވަނީ އިންޒާރު ދެއްވާފައެވެ. އެގޮތުން، އިދިކޮޅު ފަރާތްތަކުން ފާފު އަތޮޅުގެ މަޝްރޫޢަށް ”ޖެހި ސަކަރާތް“ މިފަހަރު އިންޝާ ﷲ ޖެހިޔަނުދެއްވާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް މުޢިއްޒާއެކު ސަރުކާރުން ކުރިއަށްދާނެ ކަމުގެ އިޝާރާތެއްވެސް ޝުޖާޢު ވަނީ ކުރައްވާފައެވެ.














