ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގެ ޑޭރާ އިސްމާއިލް ޚާން ޑިސްޓްރިކްޓްގައި ހޮނިހިރު ދުވަހު ދިން ވަރުގަދަ ބޮމުގެ ޙަމަލާއެއްގައި މަދުވެގެން 11 މީހުން މަރުވެ 30 މީހަކަށް އަނިޔާވެއްޖެއެވެ. މި ޙާދިސާއަކީ ޕާކިސްތާނުގެ ބޯޑަރު ސަރަޙައްދުތަކުގައި ހަތިޔާރުއެޅި ޖަމާޢަތްތަކުން ދެމުންގެންދާ ޙަމަލާތައް އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.
ހޮނިހިރު ދުވަހު މީހުން ގިނަ ސަރަޙައްދެއްގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން 11 މީހަކު ވަނީ މަރުވެފައެވެ. އަދި ގޮވުމުގެ ސަބަބުން ބުރައިގެން ދިޔަ އެކި އެއްޗެހިން ޖެހި 30 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ. ޙާދިސާ ހިނގި ވަގުތު ފުލުހުންނާއި ރެސްކިއު ޓީމުތަކުން ވަނީ އެ ސަރަޙައްދު ބަންދުކޮށް، އަނިޔާވި މީހުން ޑިސްޓްރިކްޓް ހެޑްކުއާޓަރސް (ޑީއެޗްކިޔު) ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. ބައެއް މީހުންގެ ޙާލު ސީރިއަސްކަމަށް މަޢުލޫމާތު ލިބެއެވެ.
ޑޭރާ އިސްމާއިލް ޚާން އަކީ ޕަންޖާބާއި ވަޒީރިސްތާނާ ގުޅޭ މުހިންމު ސަރަޙައްދަކަށް ވުމުން، މިއީ ހަތިޔާރުއެޅި ޖަމާޢަތްތަކުން ވަރަށް ގިނައިން ޙަރަކާތްތެރިވާ ސަރަޙައްދެކެވެ. މި ޙަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވެއެވެ. ފަހަކަށް އައިސް މި ސަރަޙައްދުގައި ވަނީ ބޮމުގެ ޙަމަލާތަކާއި މީހުން މެރުމުގެ ޙާދިސާތައް ވަރަށް ބޮޑަށް އިތުރުވެފައެވެ.













