މި އަހަރުގެ މަތީ ސާނަވީ ނުވަތަ އޭލެވެލް އިމްތިހާނު 4،973 ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ. މި އިމްތިހާނު ކުރިއަށްދާނި މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މާލޭ ސަރަހައްދުން އޭލެވެލް އިމްތިހާނުގައި 3،284 ދަރިވަރުން އަދި އެޗްއެސްސީ އިމްތިހާނުގައި 1،357 ދަރިވަރުން ބައިވެރިވެއެވެ. އަދި އަތޮޅުތަކުން އޭލެވެލް އިމްތިހާނުގައި 1،689 ދަރިވަރުން ބައިވެރިވާއިރު، އެޗްއެސްސީ އިމްތިހާނުގައި 906 ދަރިވަރުން ބައިވެރިވެއެވެ. މިއަހަރުގެ އިމްތިހާނު މުޅި ރާއްޖޭގެ 53 މަރުކަޒެއްގައި ކުރިއަށްދާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުގެ 4 މަރުކަޒަކާއި އަތޮޅުތަކުގެ 49 މަރުކަޒެކެވެ.
އޭލެވެލް އިމްތިހާނު ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި މިއަދު ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މަތީ ސާނަވީ އިމްތިހާނަކީ ދަރިވަރުންގެ މުސްތަގުބަލު ބައްޓަންކުރުމުގައްޔާއި، ހާއްސަކޮށް މަތީ ތައުލީމު ހާސިލުކުރާނެ ދާއިރާއެއް އިހުތިޔާރުކުރުމުގައި ވަރަށް މުހިންމު މަރުހަލާއެއް ކަމަށެވެ. އަދި ހުރިހާ ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގެން، އިމްތިހާނަށް ވީ ތައްޔާރީތަކުގެ ފޮނިމީރުކަން ލިބި، ގައުމު ފަހުރުވެރިވާފަދަ ރަނގަޅު ނަތީޖާއެއް ހޯދައިދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދިހަމައެހެންމެ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވެސް ވަނީ އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގެން މީސްމީޑިއާގައި މެސެޖެއް ހިއްސާކުރައްވައިފައެވެ. އެކަމަނާ ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ، މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށްޓަކައި މުޅި ގައުމު ކުރަނީ ވަރަށް ފޮނި އުންމީދެއް ކަމަށެވެ.
އޭލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށްޓަކައި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.













