މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށްޓަކައި މުޅި ގައުމު ކުރަނީ ވަރަށް ފޮނި އުންމީދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވަނީ މި އަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ އެންމެހައި ދިވެހި ދަރިވަރުންނަށް ވަނީ ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.
މަތީ ސާނަވީ އިމްތިޙާނުގައި މިއަހަރު ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށްވެސް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން. މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، ތިޔައިން ކޮންމެ ކުއްޖެއްގެ ހިތް އަލިކުރައްވައި، ތޫނުފިލިކަން އިތުރުކުރައްވައި، ޖަވާބުދިނުން ފަސޭހަކޮށްދެއްވާށި. އާމީން
ތިޔަ… pic.twitter.com/IYqWlqcEtb
— First Lady Sajidha Mohamed (@sajidhaamohamed) September 27, 2026
އެކަމަނާގެ މެސެޖުގައި، މާތްﷲ ގެ ހެޔޮ ރަހުމަތްފުޅާއެކު، ކޮންމެ ދަރިވަރެއްގެ ވެސް ހިތް އަލިކުރައްވައި، ވިސްނުމާއި ތޫނުފިލިކަން އިތުރުކޮށްދެއްވައި، ސުވާލުތަކަށް ޖަވާބުދިނުމުގައި ލުއިފަސޭހަކަން މިންވަރުކޮށްދެއްވުން އެދި ދުއާ ދަންނަވާފައިވެއެވެ. މީގެއިތުރުން، ދަރިވަރުންނަކީ ބެލެނިވެރިންނާއި މުދައްރިސުން ފަހުރުވެރިވާފަދަ ފާގަތި ނަތީޖާއެއް ހޯދައި، ގައުމަށް އުޖާލާ މުސްތަގުބަލެއް ހޯދައިދޭނެ ބައެއް ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގެން މެސެޖެއް ދެއްވައިފައެވެ. ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމުގެ ދަތުރުގައި މަތީ ސާނަވީ އިމްތިހާނަކީ ނުހަނު މުހިންމު މަރުހަލާއެކެވެ.
މި އަހަރުގެ މަތީ ސާނަވީ އިމްތިހާނު ކުރިއަށްދަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖޭގެ 53 ސެންޓަރެއްގައި ކުރިއަށްދާ މި އިމްތިހާނުގައި، އޭލެވެލް އިމްތިހާނު 4,973 ދަރިވަރުން އަދި އެޗްއެސްސީ އިމްތިޙާނު 2,263 ދަރިވަރުން ހަދަމުން ގެންދާނެއެވެ.













