ސިނަމާލެ ބްރިޖު ހުރަސްކޮށް ފައިމަގުގައި ނުވަތަ ދުވެފައި ހުޅުލެއަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކަމެއްކަން ހަނދާންކޮށްދީ، އެފަދައިން އަމަލުކުރާ ފަރާތްތަކާމެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަމުން ގެންދާނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
އޯގަސްޓް 30، 2018 ގައި ސިނަމާލެ ބްރިޖު ހުޅުވުނު ދުވަހުން ފެށިގެން، ބްރިޖު ހުރަސްކޮށް ފައިމަގުގައި ނުވަތަ ދުވެފައި އެއާޕޯޓަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކުރެވިފައިވާ ކަމެކެވެ.
ނަމަވެސް، ސިނަމާލެ ބްރިޖުގެ އެއާޕޯޓާ ވީކޮޅުގެ ވޯކްވޭ ބަންދުކުރުމަށްޓަކައި ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ބައެއް ފަރާތްތަކުން ދާކަން ފުލުހުންނަށް ވަނީ ފާހަގަކުރެވިފައެވެ.
މިއީ ހުއްދަކުރެވިފައިވާ ކަމަކަށް ނުވާއިރު، މިގޮތަށް އަމަލުކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަމަށް ފުލުހުން ފާހަގަކުރެއެވެ.
އެހެންކަމުން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ސަރަހައްދުގައި ”ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން“ މިހާރު ވަނީ ހަރުކުރެވިފައެވެ.
ފުލުހުންގެ އިދާރާއިން ބުނީ، މި ބޯޑުތަކާއި ނިޝާންތައް ހުރަސްކޮށްދާ ފަރާތްތަކާމެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަމުން ދާނެ ކަމަށެވެ.













