ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ފޮނުވާލި ގޮވާތަކެތި ހަރުކޮށްފައިވާ ދެ ޑްރޯން، ސަޢޫދީގެ ވައިގެ ދިފާޢީ ނިޒާމުން ހޮނިހިރު ދުވަހު އިންޓަރސެޕްޓްކޮށް ވައްޓާލައިފިއެވެ.
މިއީ ސަޢޫދީ އާއި ހޫޘީންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި، ސަޢޫދީގެ އެންމެ އެތެރެއަށް އަމާޒުކޮށް ހޫޘީން ދިން ވަރުގަދަ ޙަމަލާއެކެވެ.
ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރިޔާޟަށް އަމާޒުކޮށް ފޮނުވާލި 2 ޑްރޯން ސަޢޫދީ ސިފައިން ވަނީ ވައިގެ ތެރޭގައި ގޮއްވާލާފައެވެ. ވައްޓާލި ޑްރޯންތަކުގެ ބައިތައް ވެއްޓިފައިވަނީ މީހުން ދިރިނޫޅޭ ސަރަޙައްދުތަކަކަށް ކަމަށްވާތީ، އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އަދި އެއްވެސް އިމާރާތަކަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މާހިރުން ދެކޭގޮތުގައި ރިޔާޟަށް މި ޙަމަލާދިނީ، ހޫޘީންނާ ދެކޮޅަށް ފުރާނައިން ޤުރްބާންވުމަށް ސަޢޫދީގެ ގްރޭންޑް މުފްތީ މި ހަފްތާގައި ގޮވާލުމާ ގުޅިގެން އެކަމަށް ރައްދުދިނުމުގެ ގޮތުންނެވެ. މީގެ ކުރިން ހޫޘީން ވަނީ ސަޢޫދީގެ ޠާއިފް އަދި ޔަންބޫއަށްވެސް ބެލިސްޓިކް މިސައިލް ޙަމަލާތަކެއް ދީފައެވެ. މިކަމުން ދައްކުވައިދެނީ ސަޢޫދީގެ އެކި ސަރަޙައްދުތަކަށް އެއްފަހަރާ ޙަމަލާދިނުމުގެ ޤާބިލުކަން ހޫޘީންގެ ކިބައިގައި ހުރިކަމެވެ.














