ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް މިރޭ ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް އޮފީހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ. އަދި މި ދަތުރުފުޅުގައި ސިންގަޕޫރުގައި އެމަނިކުފާނުގެ ދެކަނބަލުން ހޭދަކުރައްވާނީ ކިތައް ދުވަސް ކަމެއްވެސް ސަރުކާރުން ހާމައެއް ނުކުރައްވައެވެ.
އާންމު ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ މިފަދަ ނުރަސްމީ ދަތުރުފުޅުތަކަކީ އަމިއްލަފުޅު ކަންކަމާއި ބޭސްފަރުވާއަށް ކުރައްވާ ދަތުރުފުޅުތަކެވެ.
މީގެ ކުރިންވެސް ރައީސް މުއިއްޒުގެ ދެކަނބަލުން ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އެގޮތުން ކުރިން ކުރެއްވި ދަތުރުފުޅެއްގައި، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރައްވައި އެ މީހުންގެ ޙާލު ބައްލަވާލައްވާފައިވެއެވެ.












