ރާއްޖޭގައި އަލަށް ބާއްވާ ”މެރިން ޓެކް ޓްރެއިނިންގް“ ޕްރޮގްރާމް، އއ. އުކުޅަހު ކޮންވެންޝަން ސެންޓަރުގައި މިއަދު ފަށައިފިއެވެ. 26 އިން 28 ސެޕްޓެމްބަރު 2026 އަށް ކުރިއަށްދާ މި ޕްރޮގްރާމަކީ އުޅަނދުފަހަރުގެ ވެރިންނާއި، ދާއިރާގެ ފަންނީ މާހިރުންނާއި، ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ކަނޑުދަތުރުފަތުރުގެ ދާއިރާގެ މަޝްހޫރު ބްރޭންޑްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު ހަރަކާތެކެވެ.
ކެޕްޓަން އަންވަރު އިސްނަންގަވައިގެން، އޯޝަންއެކްސް މެރިން، މެރިންވައިބް އަދި އުކުޅަސް ކައުންސިލް ގުޅިގެން އިންތިޒާމުކުރާ މި ތިން ދުވަހުގެ ކޮންފަރެންސްގައި، ޢަމަލީ ތަމްރީނުތަކުގެ އިތުރުން ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އަލަށް ތަޢާރަފުވެފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އާލާތްތަކުގެ ލައިވް ޑެމޮންސްޓްރޭޝަންތައް ކުރިއަށްދާނެއެވެ.
މި ތަމްރީނު ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ކަނޑުމަތީގެ މަސައްކަތްތަކަކީ ރައްކާތެރި، ޒަމާނީ އަދި ހަރުދަނާ މަސައްކަތްތަކަކަށް ހެދުމަށް އެހީތެރިވެދޭ ޓެކްނޮލޮޖީއާއި ހުނަރުތަކުގެ މައްޗަށެވެ. މީގެ ތެރޭގައި އެކޯ ސައުންޑަރ، ބާރޑް ރާޑަރ، ބޭރު އިންޖީނު (އައުޓްބޯޑް އިންޖީނު)، ނެވިގޭޝަން ސިސްޓަމްތައް އަދި ކަނޑުދަތުރުފަތުރާ ގުޅުންހުރި އެހެނިހެން އިލެކްޓްރޯނިކް ވަސީލަތްތައް ހިމެނެއެވެ. މި ތަމްރީނުތައް ކުރިއަށް ގެންދަވާނީ ސިމްރަޑްގެ ސީނިއަރ ޕްރޮޑަކްޓް މެނޭޖަރ އެޑަމް ކިންގްގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ދާއިރާގައި ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ސިމްރަޑްގެ ލައިސަންސްޑް ޓެކްނީޝަނެއް ކަމަށްވާ ކެޕްޓަން އަންވަރެވެ.
މި ޓްރެއިނިންގްގެ މައިގަނޑު އަމާޒަކީ އުޅަނދުފަހަރުގެ ވެރިންނާއި އޮޕަރޭޓަރުންނެވެ. މީގެ އިތުރުން ވިޔަފާރި އުސޫލުން މަސްވެރިކަން ކުރާ ފަރާތްތަކާއި، ޗާޓަރ އަދި ޑައިވް އޮޕަރޭޓަރުންނާއި، މެރިން ސާމާނު ވިއްކާ ފަރާތްތަކުގެ އިތުރުން ދޯނިފަހަރާއި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން މި އިވެންޓުގައި ބައިވެރިވެފައިވެއެވެ.
މި އިވެންޓާ ގުޅޭގޮތުން ކެޕްޓަން އަންވަރު ވިދާޅުވީ، ”މި ޓްރެއިނިންގްގެ މައިގަނޑު މަޤްޞަދަކީ ކަނޑުމަތީގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީއާއި ޢަމަލީ މަޢުލޫމާތު ސީދާ އެފަރާތްތަކާ ހަމައަށް ފޯރުކޮށްދިނުން،“ ކަމަށެވެ. އަދި ”މިއީ ދިވެހިރާއްޖޭގެ މެރިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އައު ކަންކަން ދަސްކުރުމަށާއި، ޒަމާނީ ޓެކްނޮލޮޖީ ތަޖުރިބާކުރުމަށާއި، މި ސިނާޢަތުގެ މުސްތަޤްބަލު ބައްޓަންކުރަމުންދާ މަޝްހޫރު ބްރޭންޑްތަކާ ގުޅުން ބަދަހިކުރުމަށް ލިބިގެންދާ ވަރަށް އަގުހުރި ފުރުޞަތެއް،“ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އިވެންޓުގެ ޓައިޓަލް ސްޕޮންސަރަކީ ދިވެހި އިންޝުއަރެންސް އެވެ. މީގެ އިތުރުން ސިމްރަޑް، އޯޝަންއެކްސް، އުކުޅަހު ކައުންސިލް، މެރިން ވައިބް، ޕްރިންޓްލެބް، އިންކްޑް، އަދި ކޮރަލް ޓްރާންސްފަރ އިން ދަނީ މި އިވެންޓަށް ފުރިހަމަ އެއްބާރުލުން ދެމުންނެވެ.













