އަތޮޅުތަކުގެ ރަށްރަށުގައި އެސްޓީއޯއިން ތެޔޮ ވިއްކާ އަގުގައި ތެޔޮ ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން، މިހާތަނަށް 8 އަތޮޅެއްގެ 8 ރަށެއްގައި ފިއުލް ޝެޑްތައް ހަދައި ޚިދުމަތް ދޭން ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ފަދައިން ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުތަކުގައި މި ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ހަލުވިކަމާއެކުގައެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ފިއުލް ޝެޑްތައް ގާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވަނީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ދ. މީދޫ، ދ. ކުޑަހުވަދޫ އަދި ފ. ނިލަންދޫގައެވެ.
ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުތަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު މުޅިން ގާއިމުކޮށް ނިންމުމެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިއީ މަސްވެރިންނާއި ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތަކުން ހަކަތައަށް ކުރާ ހޭދަ ކުޑަވެ، ތެޔޮ ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތަކަށް ނިމުމެއް އައިސް ވަގުތާއި ތަކުލީފުތައް ސަލާމަތްވެގެންދާނެ މުހިންމު ކާމިޔާބީއެކެވެ.
އަދި ކުރީގެ އަހަރުތަކުގައި ރައްޔިތުން އުފުލި ބުރަތަކަށް ލުއިހޯދައިދީ، ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ދަށުން ގައުމަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނަމުންދާކަންވެސް މިނިސްޓަރު ވިދާޅުވިއެވެ.












