ދައުލަތުގެ ރިޒާވް ވަރުގަދަކޮށް، ބޭރުގެ ދަރަނިތައް އަދާކުރުމުގެ އިތުރުން، ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދީގެން ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްމުން ގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސު މުޢިއްޒު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށްވީ ގައުމު ބަނގުރޫޓުވިޔަނުދީ ސަލާމަތްކުރުމާއެކު، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދަލާއި ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުން ކަމަށެވެ.
ސަރުކާރުން އެޅި ހަރުދަނާ އިގުތިސާދީ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ ފެބުރުވަރީ މަހު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދައުލަތުގެ ރިޒާވް 1.2 ބިލިއަން ޑޮލަރަށް އުފުލުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިގުތިސާދީ ގޮތުން އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭހެން ދައުލަތުން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތައް ކާމިޔާބުކަމާއެކު ދައްކައި ހަލާސްކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ދަރަނިތައް ވީހާވެސް ބޮޑަކަށް ކުޑަކުރަމުން، ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމަށް މަސައްކަތްކުރުމާއެކު ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުގެ އިތުބާރު އިތުރުކުރުން ކަމަށެވެ. އަދި މާތްﷲ ގެ ވާގިފުޅާއެކު، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ދައުލަތުގެ ރިޒާވްގެ ހާލަތުވެސް އިތުރަށް ރަނގަޅުވެގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވައިފައެވެ.
މީގެއިތުރުން، ދަރަނި އަދާކުރުމުގައި ހަމައެކަނި ރަސްމީ ރިޒާވަކަށް ބަރޯސާނުވެ، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ވަރުގަދަކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރު ތަންފީޒުކުރަމުންދާ އިގުތިސާދީ ސިޔާސަތުތަކުގެ ހެޔޮ ބަދަލުތައް، ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި ފެންނަން ފަށާނެކަމަށްވެސް ވިދާޅުވިއެވެ. ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ތެރެއިން ބާއްވަވާ އިންވެސްޓްމަންޓް ފޯރަމްތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ މައިގަނޑު ދާއިރާތައް ސިންދަފާތުކޮށް، ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން، މިހާރު ފަށާފައިވާ އައިލާ މަޝްރޫއާއި، ރަސްމާލޭގައި އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ އިތުރުން، ދުނިޔޭގެ މަޝްހޫރު ޓެކް ކުންފުނި ގޫގުލްއިން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއު ފާހަގަކުރައްވައި، މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކާއެކު ރާއްޖެއާމެދު ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރު އަބަދުވެސް ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ދެއްވިއެވެ.













