ރަސްމާލެ މަޝްރޫއުގެ ދަށުން އެއްވެސް ރައްޔިތަކަށް ދޫކޮށްފައިވާ ގޯއްޗެއް އަތުނުލާނެ ކަމަށާއި، އަދި ބޭރުގެ އެއްވެސް ފަރާތަކަށް އެތަނުން ބިން މިލްކު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިތުރުން ސިޔާސީ ބައެއް ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވައިފައެވެ.
ރައީސް ވިދާޅުވީ، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާކޮށް ނިމުމުން، ހައްގުވާ ހުރިހާ ފަރާތްތަކަށް ގޯތި ހަވާލުކުރުމުގެ އިތުރުން، ފްލެޓް އެޅުމަށް ބޭނުންވާ ޖާގަވެސް ރަސްމާލެއިން ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން، މި މުޅި މަޝްރޫއު ނިންމުމަށް ގާތްގަނޑަކަށް 10 އަހަރު ދުވަސް ހޭދަވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ބިން ހިއްކައި ނިމުމާއެކު މި އަހަރުގެ ތެރޭގައި ފެނާއި ނަރުދަމާ، ކަރަންޓު އަދި މަގުހެދުމުގެ މަސައްކަތްތައް ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަމާޒަކީ ގޯތި ލިބޭ ފަރާތްތަކަށް ވީހާވެސް އަވަހަކަށް އިމާރާތްކުރަން ފެށޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަސްމާލޭގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅުގެ އިންފްރާސްޓްރަކްޗަރ މަސައްކަތްތަކަށްވެސް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އަގުތައް ބޮޑުވުމުގެ ސަބަބުން ގިރާވަރުފަޅު ހިއްކުން މަޑުޖެހިފައި އޮތް ނަމަވެސް، މިހާރު އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ. އަދި ގުޅިފަޅުގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އީގަލް ހިލްސް ކުންފުންޏާއެކު ކުރިއަށްގެންދާ މަޝްރޫއުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއަށް ދައުލަތުން އެއްވެސް ސޮވެރިން ގެރެންޓީއެއް ނުދޭނެ ކަމަށާއި، އެއްވެސް ލޯނެއް ނުނަގާނެ ކަމަށެވެ. އަދި އެއްވެސް ޓެކްސް ކޮންސެޝަނެއް ނުވަތަ ޑިއުޓީ މައާފުކުރުމެއްވެސް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބޭރު ފަރާތްތަކަށް ބިން މިލްކުކޮށްދޭ ވާހަކަ ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި، މި މަޝްރޫއުގެ ދަށުން ބިން ދޫކުރާނީ ހަމައެކަނި ކުއްޔަށް ކަމަށެވެ.
”މިލްކު ނުވެ، މިތަނަށް ގެނެވެންއޮތް އެންމެ ގިނަ އިންވެސްޓްމަންޓް ގެންނަން އަޅުގަނޑު ބޭނުންވަނީ،“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ބިޔަ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ އިތުރުވެ، އިގުތިސާދު މުޅިން އާ އުސްމިނަކަށް ވާސިލުވެ، ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ގައުމަށް ފައިދާހުރި ބޮޑެތި ކަންކަން ފަށާއިރު، ގައުމީ ވިސްނުމެއް ނެތް ސިޔާސީ ބަޔަކު އަބަދުވެސް ހުރަސްއަޅަން މަސައްކަތްކުރާ ކަމީ ހިތާމަކުރައްވާ ކަމެއް ކަމަށާއި، ނަމަވެސް އެފަދަ ކަންކަމުގެ ސަބަބުން މަޝްރޫއު ހުއްޓިގެން ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް މުޢިއްޒު ވަނީ ދެއްވައިފައެވެ.












