އދ. ގެ އާންމު މަޖިލީހުގައި ތަޤުރީރުކުރަމުން އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިޔާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބިރުދެއްކުންތަކަށް ބޯނުލަނބާނެކަމަށާއި، ނަމަވެސް ސުލްޙައިގެ ވާހަކަތަކަށް އީރާން އޮތީ ތައްޔާރަށްކަމަށް ބުނެފިއެވެ.
ނިއުޔޯކްގައި ބޭއްވި 81 ވަނަ އާންމު މަޖިލީހުގައި ވާހަކަދައްކަމުން ރައީސް ޕެޒެޝްކިޔާން ވަނީ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އަދި ގަދަބާރުން ކަންކަން ކުރުމަށް އީރާނުން އެއްބަސްނުވާނެކަމަށް ބުންޏެވެ. އީރާނުގެ ރައީސް ތަޤުރީރު ފެއްޓުމާއެކު އެމެރިކާގެ ވަފުދުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.
ހަރުކަށި އިބާރާތްތަކެއް ބޭނުންކުރި ނަމަވެސް، ބިރުދެއްކުމާއި އިންޒާރު ދިނުން ހުއްޓާލައިފިނަމަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޑިޕްލޮމެޓިކް މަޝްވަރާތަކަށް އީރާނުން ތައްޔާރަށް އޮތްކަން އޭނާ ހާމަކުރިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހާމަކުރި ގޮތުގައި، ޤަތަރާއި އޮމާން މެދުވެރިކޮށް އީރާނުން ވަނީ އެމެރިކާއަށް އައު ހުށަހެޅުމެއް ހުށަހަޅާފައެވެ. އެއީ އެމެރިކާއިން ވަކި ޝަރުޠުތަކެއް ފުރިހަމަކޮށްފިނަމަ، 7 ދުވަހުގެ ތެރޭގައި ބައިނަލްއަޤްވާމީ ވިޔަފާރިއަށް ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމެވެ. މިކަމަށްޓަކައި އީރާނުން ކުރާ ޝަރުޠުތަކުގެ ތެރޭގައި، އީރާނުގެ ތެޔޮ ވިއްކުމަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ލުބުނާނު ހިމެނޭހެން ހުރިހާ ދިމާލަކުން ހަނގުރާމަ ހުއްޓާލުން ހިމެނެއެވެ.













