އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ކުރަން ޕޯޑިއަމަށް އެރުމާއެކު، ދިވެހިރާއްޖޭގެ ވަފުދުގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މަންދޫބުން ޖަލްސާކުރާ މާލަން ދޫކުރައްވައި ނުކުމެވަޑައިގެން އޭނާގެ ތަގުރީރު ބޮއިކޮޓްކޮށްފިއެވެ.
ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ މި ޖަލްސާގައި ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު، ގިނަ އަދަދެއްގެ ގައުމުތަކުގެ ވަފުދުތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް އަޑުގަދަކުރުމަށްފަހު ހޯލުން ނުކުމެގެން ގޮސްފައެވެ. މި މަންޒަރާއެކު މުޅި މާލަން ބޮޑުބައި ހުސްވެގެން ދިޔައިރު، ޖަލްސާގެ ރިޔާސަތުން ވަނީ މަސްލަހަތު ގާއިމުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
ގައުމުތަކުގެ މަންދޫބުން ހޯލު ދޫކުރައްވައި ވަޑައިގަތުމުން އެކަމާ ނުރުހުން ފާޅުކުރަމުން ނަތަންޔާހޫ ވަނީ އެ މީހުންނަކީ ފިނޑިން ކަމަށް ސިފަކޮށް، އިތުރު ބަޔަކު ނުކުންނަން ބޭނުންނަމަ ނުކުތުމަށް ގޮންޖަހާފައެވެ. ކުރިއަށް އޮތް އިސްރާއީލުގެ އިންތިޚާބާ ދިމާކޮށް މަގާމު ދިފާއުކުރުމުގެ އަމާޒުގައި ދިން މި ތަގުރީރުގައި، އިސްރާއީލުން ޣައްޒާއާއި، ހުޅަނގު އައްސޭރި، ސީރިއާ، ލުބުނާން، އީރާން، ޔަމަން އަދި އިރާގު ހިމެނޭހެން ހަތް ދިމާލަކުން ހަނގުރާމަކުރަމުންދާ ކަމަށާއި އެ ހުރިހާ ހަނގުރާމައެއް އިސްރާއީލުން ކާމިޔާބުކުރާނެ ކަމަށް އޭނާ ބުންޏެވެ.
މި ތަގުރީރުގައި ތުރުކީވިލާތަށާއި އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނަށް ނަތަންޔާހޫ ކުރި ތުހުމަތުތަކަށް ރައްދު ދެއްވަމުން ތުރުކީގެ ރިޔާސަތުން ބުނެފައިވަނީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ހަނގުރާމައިގެ ޖަރީމާތަކުގެ ކުށުގައި ހައްޔަރުކުރުމުގެ އަމުރު ނެރެން މަސައްކަތްކުރާ ނަތަންޔާހޫ ދެއްކި އެއްވެސް ވާހަކަޔަކުން ޣައްޒާގައި ހިންގާ ގަތުލުއާންމުތައް ފޮރުވައިނުލެވޭނެ ކަމަށެވެ. އަދި އިނގިރޭސިވިލާތާއި ފްރާންސް ފަދަ ގައުމުތަކަށް ނަތަންޔާހޫ ފާޑުކީ ނަމަވެސް، އެމެރިކާގެ އެހީތެރިކަމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި 40،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ، މުޅި ސަރަހައްދު ވަނީ ސުންނާފަތިވެފައެވެ.
މި މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓުތަކުންނާއި އދ. އިން އިސްރާއީލަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުތައް އިތުރުވަމުންދާއިރު، ދިވެހިރާއްޖެއިން އަންނނީ ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތުކޮށް، އިސްރާއީލުގެ ލާއިންސާނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ.













