ކާއެއްޗެއް ކެއުމަށްފަހު ލޭގައި ހަކުރު އެކުލެވޭ މިންވަރު މައްޗަށް ދިއުމުން، އެ ހަކުރުގެ މިންވަރު ތިރިކުރުމަކީ އިންސާނާގެ ހަށިގަނޑުން އަމިއްލައަށް ކުރާ ކަމެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، ލޯބިވެރިޔާއާއެކު ކެއުމުގައި ބައިވެރިވުމުން ލޭގައި ހަކުރު މަތިވާ މިންވަރު ކުޑަވެ، އަވަހަށް ހަމައަކަށް އެޅޭކަން އާ ދިރާސާއަކުން ހާމަވެއްޖެއެވެ. އިސްރާއީލުގެ ހީބްރޫ ޔުނިވަރސިޓީ އޮފް ޖެރޫސަލަމްގެ ދިރާސާވެރިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ދިރާސާގެ ނަތީޖާ ސައިންސް އެޑްވާންސަސް ޖަރނަލްގައި ވަނީ ޝާއިއުކޮށްފައެވެ.
މި ދިރާސާގައި މަދުވެގެން ނުވަ މަސްދުވަސް ވަންދެން އެކުގައި އުޅެފައިވާ 54 ލޯބިވެރިންގެ ޖޯޑަކުން ޖުމްލަ 108 މީހުން ބައިވެރިކޮށްފައިވެއެވެ. ބައިވެރިންނަށް އެއް ދުވަހެއްގެ ދެ ވަގުތެއްގައި 50 ގްރާމް ކާބޯހައިޑްރޭޓް އެކުލެވޭ ގޮތަށް 102 ގްރާމްގެ ހުދު ޕާން ކާންދެވުނެވެ. މީގެ ތެރެއިން އެއް ފަހަރު އެކަނި އިނދެ ކެއުމަށް ފުރުސަތު ދެވުނުއިރު، އަނެއް ފަހަރު ކެއުމުގައި ބައިވެރިވީ އެމީހެއްގެ ލޯބިވެރިޔާ ކައިރީގައި އިނދެގެންނެވެ.
މި ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި، ލޯބިވެރިޔާ ކައިރީގައި އިނދެގެން ކެއި ވަގުތުތަކުގައި، އެކަނި އިނދެ ކެއި ވަގުތުތަކާ އަޅާބަލާއިރު ލޭގައި ހަކުރު މަތިވި މިންވަރު 15 އިންސައްތަ ކުޑައެވެ. އަދި ކެއުމަށްފަހު 45 މިނެޓާއި ދެ ގަޑިއިރާ ދެމެދުގެ ވަގުތުތަކުގައި ލޭގައި ހަކުރު ހުރި މިންވަރު ނިސްބަތުން ދަށްކޮށް ހުރިކަން ފާހަގަކުރެވުނެވެ.
މި ބަދަލަކީ ހަމައެކަނި ނަފްސާނީ ހަމަޖެހުމެއްގެ ސަބަބުން ނުވަތަ ސްޓްރެސް ކުޑަވުމުގެ ސަބަބުން އައި ބަދަލެއްތޯ ބެލުމަށް، ބައިވެރިންގެ ހަމުގެ ދާހިއްލުމުގެ މިންވަރު ވަނީ މިންކޮށްފައެވެ. ނަމަވެސް، ދެ ހާލަތުގައިވެސް ސްޓްރެސްގެ މިންވަރަށް ބޮޑު ބަދަލެއް އައިސްފައި ނުވާތީ، މިއީ ހަމައެކަނި ނަފްސާނީ ސްޓްރެސް ކުޑަވުމުން ދިމާވި ކަމެއް ނޫންކަން ވަނީ ކަށަވަރުވެފައެވެ. އެއާއެކު، ލޯބިވެރިން ކެއުމުގެ ތެރޭގައި އެކަކު އަނެކަކު ގައިގައި ބީހުން ނުވަތަ އަތުގައި ހިފެހެއްޓުން ފަދަ ކަންކަމާވެސް މި ހަކުރުގެ މިންވަރު ދަށްވުމާ ސީދާ ގުޅުމެއް ނެތްކަން ހާމަވިއެވެ.
ސައިންސްވެރިން މި މެކޭނިޒަމަށް ދީފައިވާ ނަމަކީ ”ސޯޝަލް ފިޒިއޮލޮޖީ“ (އިޖުތިމާއީ ފިޒިއޮލޮޖީ) އެވެ. މި މެކޭނިޒަމް ދެނެގަތުމަށް ކުރެވުނު އެހެން ތަޖުރިބާތަކުގައި، ފިނި ކޮޓަރިއެއްގައި ތިބި މީހުންގެ ހަށިގަނޑުގެ ފިނިހޫނުމިން އަވަހަށް ހަމައަކަށް އެޅުމާއި، ކުއްލިއަކަށް އިވޭ އަޑުތަކަށް ކުޑަކުދިން ސިއްސައިގެންދާ މިންވަރު އެކުދިންގެ މަންމައިން ކައިރީގައި ތިބުމުން ކުޑަވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
މި ދިރާސާގައި އިސްކޮށް އުޅުއްވި ސައިކޮލޮޖީގެ މާހިރު ޝީރް އަޓްޒިލް ވިދާޅުވި ގޮތުގައި، އިންސާނާގެ ހަށިގަނޑުގެ ހަކުރު ކޮންޓްރޯލްވުމަކީ ހަމައެކަނި ކާ އެއްޗެއްގެ މައްޗަށް ބިނާވާ ކަމެއް ނޫނެވެ. ގާތް ރަހުމަތްތެރިންނާއި ލޯބިވެރިން ކައިރީގައި ތިބުމަކީ ހަށިގަނޑުގެ އެތެރޭގެ ނިޒާމުތައް ހަމައަކަށް އަޅުވައި، މެޓަބޮލިޒަމްއަށް ވަގުތުން ބޮޑު ފައިދާއެއް ފޯރުކޮށްދޭ ކަމެކެވެ. ނަމަވެސް، މި ކަމުގެ ސަބަބުން ދިގު މުއްދަތަކަށް ސިއްހަތަށް ކުރާ އަސަރުތަކާއި ހަކުރުބަލި ހުންނަ މީހުންނަށް ކުރާނެ އަސަރުތައް ދެނެގަތުމަށް އިތުރު ދިރާސާތައް ކުރަންޖެހޭކަން ދިރާސާވެރިން ފާހަގަކުރެއެވެ.









