ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ އދ. ގެ އާންމު މަޖިލީހުގައި ތަޤުރީރުކުރުމުގެ މަދު ގަޑިއިރުތަކެއް ކުރިން، ބުދަ ދުވަހު ދުވާލުގެ ވަގުތުގައި ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތަކުގައި ކީވްއިން 2 މީހުން މަރުވެ 23 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، ޑޮނެޓްސްކް ސަރަޙައްދަށް ދިން ބޮމުގެ ޙަމަލާއެއްގައި އިތުރު 5 މީހަކު ވަނީ މަރުވެފައެވެ.
އާންމުކޮށް ރޭގަނޑު ޙަމަލާދިން ނަމަވެސް، މިފަހަރު ރަޝިޔާއިން ޙަމަލާދީފައިވަނީ ދުވާލުގެ ވަގުތުގައެވެ. މި ޙަމަލާތަކުގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ކީވްގެ އިތުރުން ޑޮނެޓްސްކްގެ އޮލެކްސަންޑްރިވްކާ އަވަށަށް ވައްޓާލި 4 ބޮމެއްގެ ސަބަބުން 5 މީހުން މަރުވެ 6 މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި ޒަޕޮރީޒިއާގެ ވިޔަފާރި މަރުކަޒަކަށް ދިން ޙަމަލާއެއްގައި 2 މީހަކަށް އަނިޔާވެ ބޮޑު އަލިފާނުގެ ޙާދިސާއެއް ވަނީ ހިނގާފައެވެ.
އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަމުން ޒެލެންސްކީ ވަނީ، ރަޝިޔާއާއެކު ވިޔަފާރިކޮށް އެޤައުމަށް ފައިސާ ލިބޭނެ މަގުތައް ބަންދުކުރުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައެވެ. ރަޝިޔާއަށް ފައިސާ ލިބޭވަރަކަށް ހަނގުރާމަ ދިގުލައިގެންދާނެ ކަމަށެވެ.
މި ޙަމަލާތައް ދީފައިމިވަނީ، ހަކަތަ އުފައްދާ ތަންތަނަށް ޙަމަލާދިނުން ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ޒެލެންސްކީ މަޝްވަރާކުރައްވާފައި ވަނިކޮށެވެ. ނަމަވެސް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގޭ ލަވްރޯވް ވަނީ، ހަނގުރާމަ ވަގުތީގޮތުން މެދުކަނޑާލުމަށް ރަޝިޔާއިން އެއްބަސްނުވާނެކަމަށް އދ. ގެ ސަލާމަތީ މަޖިލީހުގައި ބުނެފައެވެ.













