މުޖުތަމައުގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި، އެ ހައްގުތަކަށް ވަކާލާތުކުރާ ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ދައުރަކީ ނުހަނު މުހިންމު އަދި އަގުހުރި ދައުރެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސް ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ރަމީލާ މި މޭރުމުން ވިދާޅުވީ، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ހުނަރުވެރި ފަރާތްތަކެއް ބިނާކުރުމަށް އަމާޒުކޮށްގެން އެ ކޮމިޝަނުން ކުރިއަށްގެންދިޔަ ”ހިއުމަން ރައިޓްސް ޑިފެންޑާރސް ޕްރޮގްރާމް“ ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމަކީ މުޖުތަމައުގެ އެކި ފަރާތްތައް ގުޅިގެން، އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ދައުލަތް ޖަވާބުދާރީކުރުވުމުގެ އިތުރުން، ހައްގުތައް ކަށަވަރުކުރުމަށް އަޑުއުފުލާނެ ބަޔަކު ތަމްރީނުކުރުމުގެ މަތިވެރި މަގުސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
ރަމީލާގެ ވާހަކަފުޅުގައި، ފަސް ދުވަހުގެ މި ތަމްރީނުން ލިބުނު މައުލޫމާތާއި ހުނަރުގެ އަލީގައި، އަނިޔާއާއި ތަފާތުކުރުންތަކާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރާނެ ހީވާގި ޑިފެންޑަރުންތަކެއް މުޖުތަމައަށް ނުކުމެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި މަހުގެ 20 އިން 24 އަށް ލ. ގަމުގައި ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި 30 ފަރާތަކުން ބައިވެރިވެ ސަނަދު ހާސިލުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަންހެނުންނާއި 12 ފިރިހެނުންނެވެ. މި ޕްރޮގްރާމް ބިނާކޮށްފައިވަނީ އެޗްއާރްސީއެމްގެ ގާނޫނީ ޒިންމާތަކާއި، ”ސިވިލް ސޮސައިޓީ އެންގޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ސްޓްރެޓެޖީ“ ގެ އިތުރުން، ދެމެހެއްޓެނިވި ތަރައްގީގެ 2030 ގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ”ހިއުމަން ރައިޓްސް ޑިފެންޑަރސް މެނުއަލް“ ގެ މައްޗަށެވެ.
މި ދަތުރުގެ ތެރެއިން އެޗްއާރްސީއެމްގެ 3 ޓީމަކުން ވަނީ ލ. އަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކޮށްފައެވެ. އެއީ މާބައިދޫ، ދަނބިދޫ، އިސްދޫ، ކަލައިދޫ، މާމެންދޫ، ހިތަދޫ، ކުނަހަންދޫ، މާވަށް، މުންޑޫ، ގަން އަދި ފޮނަދޫއެވެ. މި ޒިޔާރަތްތަކުގައި އިންސާނީ ހައްގުތަކަށާއި، ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކަށާއި އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ސެޝަންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ސެޝަންތަކުގައި 393 އަންހެނުންނާއި 176 ފިރިހެނުން ހިމެނޭހެން، ޖުމްލަ 569 ފަރާތަކުން ބައިވެރިވެފައިވެއެވެ.
އެޗްއާރްސީއެމްގެ މި ދަތުރު ނިންމާލުމުގެ ގޮތުން ބާއްވާ ހާއްސަ އާއިލީ ހަވީރު މާދަމާ ހަވީރު 16:00 އިން 18:00 އަށް ލ. ގަން ޒޯން ސްޓޭޑިއަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.









