ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމަށްޓަކައި ކުރިއަށްގެންދާ ސާރވޭގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ބޭއްވި ”ލެޓްސް ކަނެކްޓް“ ހަރަކާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، ކަނޑުގެ އަޑިން ފެން އުފެއްދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވުމުން ބައެއް ފަރާތްތަކުން އެކަމާމެދު ސުވާލު އުފެއްދި ނަމަވެސް، މިއީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި މިހާރުވެސް ކާމިޔާބުކަމާއެކު ބޭނުންކުރަމުން އަންނަ ޒަމާނީ ޓެކްނޮލޮޖީއެއް ކަމަށެވެ. ކަނޑުގެ 500 މީޓަރު އަޑީގައި ވޯޓަރ ޕްލާންޓެއް ގާއިމުކޮށްގެން ފެން އުފެއްދުމުގެ މި މަޝްރޫއު ކުރިއަށްގެންދަނީ މި ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ނޯވޭގެ ކުންފުންޏަކާ ގުޅިގެންނެވެ.
މި ޓެކްނޮލޮޖީގެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ފަހުމީ ވިދާޅުވީ، ކަނޑުގެ 500 މީޓަރު އަޑިން ލިބޭ ލޮނަކީ އާދައިގެ މަތިން ބޯހޯލްތަކުން ނަގާ ލޮނަށްވުރެ މާބޮޑަށްވެސް ސާފު އަދި އޯގަނިކް މެޓީރިއަލްސް ވަރަށް ބޮޑަށް މަދު ލޮނެއް ކަމަށެވެ. މީގެ ސަބަބުން ފެން ސާފުކުރުމުގެ ނިޒާމުގެ ހިންގުމުގެ އެފިޝިއެންސީ އިތުރުވެ، ހިނގާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، ސާރވޭގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާއިރު، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި ސޮއިކުރުމާއި، ފީސިބިލިޓީ ސްޓަޑީއާއި ޓެކްނިކަލް އަދި ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަތުމުގެ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށް، އަންނަ އަހަރުގެ މެދުތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، މި ޕްލާންޓް ގާއިމުކުރުމަށް އެންމެ އެކަށޭނަ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑުގެ ސަރަހައްދެވެ.
މި މަޝްރޫއުގެ ދަށުން ނޯވޭގެ ކުންފުނިން އުފައްދާ ފެން، އެމްޑަބްލިއުއެސްސީން ގަންނާނީ އެކަށީގެންވާ ހެޔޮ އަގެއްގައެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިމިގެންދިޔުމުން، ރާއްޖޭގައި ފެން އުފެއްދުމުގެ ގާބިލުކަން އިތުރުވެ، މި ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް އެމްޑަބްލިއުއެސްސީން ގަބޫލުކުރެއެވެ.













