ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކޮށް ކުރި ޕޯސްޓަކާ ގުޅިގެން ސައޫދީ އަރަބިއްޔާގައި މަރުގެ އަދަބު އިއްވާފައިވާ ސްރީ ލަންކާގެ ޒުވާނެއް ކަމަށްވާ އަނޯޖަން ސިވަރާސާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެހީތެރިކަން ފޯރުކޮށްދެއްވަން ނިންމަވައިފިއެވެ.
ދީނަށް ފުރައްސާރަކުރި މީހާގެ ހިމާޔަތުގައި ނަޝީދު ނުކުތްކަން ހާމަވެފައިވަނީ ލަންކާ ސަރުކާރުގެ ހާއްސަ މަންދޫބުންގެ ގޮތުގައި ކަނޑައަޅާފައިވާ ދެ ވަކީލުން ކަމަށްވާ ޕްރެޒިޑެންޓްސް ކައުންސެލް ފައިޒަރު މުސްތަފާ އާއި ޕްރެޒިޑެންޓްސް ކައުންސެލް އުޕުލް ކުމާރައްޕެރުމާ ރާއްޖެ ވަޑައިގެން ރައީސް ނަޝީދާއެކު ބޭއްވެވި ހާއްސަ ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުވުމުގައި، އިސްލާމްދީނާއި މުސްލިމް އުއްމަތަށް ނިސްބަތްކޮށް ސިވަރާސާ ދައްކާފައިވާ ވާހަކަތަކުގެ ނުރައްކާތެރިކަން ފާހަގަކުރެއްވި ނަމަވެސް، އިންސާނީ ކަރާމާތާއި ފުރާނަ ސަލާމަތްކުރުމުގެ ނަޒަރަކުން އެހީތެރިވެދެއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ލަންކާގެ ޕާލަމެންޓްގައި އެގައުމުގެ ފޮރިން މިނިސްޓަރު ވިޖިތަ ހޭރަތު އިއުލާން ކުރެއްވި ގޮތުގައި، ސައޫދީއަށް ފޮނުވާ މި ހާއްސަ މަންދޫބުންގެ މިޝަން ކުރިއަށް ދަނީ ސީދާ ލަންކާގެ ރައީސާއި ހާރިޖީ ވަޒީރުގެ އިސްނެންގެވުމުގެ މަތިން ކަމަށާއި، މި ދަތުރުތަކަށް ހަރަދުކުރަނީ އެ ބޭފުޅުންގެ އަމިއްލަ ފައިސާއިންނެވެ.
ލަންކާގެ މަންދޫބުން ވަނީ ރައީސް ނަޝީދާއެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ސިވަރާސާ ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ސައޫދީ އަރަބިއްޔާއަށް ދަތުރުފުޅެއް ކުރެއްވުމަށްވެސް ރައީސް ނަޝީދު ތައްޔާރުވެވަޑައިގަންނަވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.













އިސްލާމް ދީނާއި ދެކޮޅު މީހަކު ސަލާމަތް ކުރަން ނަޝީދު އުޅުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އޭނައަކީ އިސްލާމްދީނަށް ހަޖޫ ޖަހާ ދީނުގެ ޝަރީއަތާ އަބަދުވެސް ދެކޮޅު މީހެކެވެ. މުސްލިމެކޭ ބުނާތީވެސް ލަދުގަނެއެވެ.