ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ގާއިމުކުރި ”މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ“ މަޝްރޫއަކީ އުސޫލީ ގޮތުން މުހިންމު އަދި ބޭނުންތެރި މަޝްރޫއެއް ނަމަވެސް، އެ މަޝްރޫއު މާލެ ސަރަހައްދުގައި ހިންގުމާމެދު ކަންބޮޑުވުން އެބައޮތް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިފަދަ މަޝްރޫއެއް ރާއްޖޭގައި ހިންގުމާ ގުޅޭގޮތުން މީގެ ކުރިން ވެސް އެ ކުންފުންޏާއެކު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި އޭރުވެސް އެމަނިކުފާނު އެދިވަޑައިގަތީ މި މަޝްރޫއު މާލެ ސަރަހައްދުން ބޭރުގައި ކުރިއަށްގެންދިއުމަށް ކަމަށް ފާހަގަކުރެއްވިއެވެ. ސަބަބަކީ، މިފަދަ ބިޔަ މަޝްރޫއުތައް މާލެ ސަރަހައްދަށް ޖަމާކުރަމުންދާ ނަމަ، ވެރިރަށަށް ތޮއްޖެހުން އިތުރުވެ، އަތޮޅުތެރޭގެ އާބާދީ މަދުވެ، ރަށްތައް ފަޅުވަމުންދާނެތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއްބަސްވުމުގެ ފުރިހަމަ ތަފްސީލު ހާމަނުވަނީސް އެ މަޝްރޫއަށް ތާއީދުކުރައްވަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، އެއްބަސްވުމުގެ ތަފްސީލުތައް އެނގެންޖެހޭނެ ކަމަށެވެ. ނަމަވެސް، ސިޔާސަތެއްގެ ގޮތުން ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކަށާއި ޕްރައިވެޓައިޒޭޝަނަށް އަބަދުވެސް ތާއީދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
”އަޅުގަނޑަކީ ބޭރުގެ އިންވެސްޓްމަންޓްތަކަށް އަބަދުވެސް ފުރިހަމައަށް ތާއީދުކުރާ މީހެއް. އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ތަނަވަސްކަމެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ރައްޔިތުން އެދެނީ ފުދުންތެރި، އުފާވެރި އަދި ހާސްކަމެއް ނެތް ދިރިއުޅުމަކަށް. ބޯހިޔާވަހިކަމާއި ވިޔަފާރީގެ ފަހި ފުރުސަތުތަކަށް،“ – ނަޝީދު ވިދާޅުވިއެވެ
އިގުތިސާދު ފުޅާކޮށް ކުރިއެރުވުމަށްޓަކައި ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަކީ ”ސެންޓަ-ރައިޓް“ ފިކުރަށް ތާއީދުކުރާ ޕާޓީއަކަށް ވާތީ، ޕްރައިވެޓައިޒޭޝަނަށާއި ބޭރުގެ އިންވެސްޓްމަންޓްތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އެހެންނަމަވެސް، ޕާޓީގެ ރަސްމީ ސިޔާސަތު އެކަނި ކަނޑަނޭޅުއްވޭނެ ކަމަށާއި، ކުރިއަށް އޮތް އެމްޑީޕީގެ ވެރިކަމެއްގައި މިފަދަ މަޝްރޫއުތަކާ މެދު އަމަލުކުރާނެ ގޮތުގެ ސާފު ތަސައްވުރެއް ހާމަވާނީ ރިޔާސީ މެނިފެސްޓޯއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.













