ވ. ފުލިދޫގައި ފުލުހުންނާއި ސްކޫލް ގުޅިގެން ކުރިއަށްގެންދިޔަ މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވެގެން ސިއްހީ މަރުކަޒަށް ގެންދިޔަ އަންހެނަކު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި އަންހެނެކެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 ހާއިރު، ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން އެ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް ހާއްސަކޮށްގެން ހިންގި މޫދު ކްލާހެއްގެ ތެރޭގައެވެ. ފުލުހުން ބުނީ، އެ އަންހެން މީހާގެ ހާލު ދެރަވީ މޫދު ކްލާހުގެ ”ވޯޓަރ ބްރޭކް“ ވަގުތުގައި އެއްގަމަށް އަރަން ދަނިކޮށް ކަމަށެވެ.
އޭނާއަށް ނޭވާލާން އުނދަގޫވާ ކަމަށް ބުނުމާ ގުޅިގެން، ލަސްތަކެއް ނުވެ ފުލިދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށިއެވެ. ނަމަވެސް، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ އިރުއޮއްސި 18:14 ހާއިރު އޭނާ ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ. ފުލުހުން އިތުރަށް މައުލޫމާތު ދިން ގޮތުގައި، ނިޔާވި މީހާގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.













