ޗައިނާގެ އިރުމަތީ ޒެޖިއަންގް ޕްރޮވިންސްގެ ހަންގްޒޫ ސިޓީގައި ޚިދުމަތް ދެމުންއަންނަ، އެ ގައުމުގެ ފުރަތަމަ ރޮބޮޓް ޓްރެފިކް ޕޮލިސް ސްކޮޑުގެ ގާބިލުކަން އިތުރުކޮށް، އެ ރޮބޮޓްތަކުގެ ފަންކްޝަންތަކަށް ބޮޑެތި އަޕްގްރޭޑްތަކެއް ގެނެސްފިއެވެ. މި އަޕްގްރޭޑްތައް ގެނެސްފައިވަނީ މިއަހަރުގެ މޭ މަހުގެ ކުރީކޮޅު މި ސްކޮޑު ރަސްމީކޮށް ނެރެ ޚިދުމަތް ދޭން ފެށިފަހުން، އެއްކުރެވުނު މައުލޫމާތުތަކަށް ބަލައިގެންނެވެ.
އަލަށް ގެނެވުނު ބަދަލުތަކާއެކު، ރޮބޮޓްތަކުގެ ލޮކޭޝަން ދެނެގަތުމުގެ ސާފުކަމާއި، އަމިއްލައަށް މަގުމަތީގައި ހިނގައިބިނގާވެ އުޅުމުގެ ގާބިލުކަން ވަނީ ކުރިއަށްވުރެ ބޮޑުތަނުން ރަނގަޅުކޮށްފައެވެ. އަދި މަގުސަންގަމާ މާހައުލުގައި ޓްރެފިކް އޮތްގޮތަށް ބަލައި، ދަތުރުކުރާނެ އެންމެ އެކަށީގެންވާ މަގު އަމިއްލައަށް ޚިޔާރުކުރުމުގެ ގާބިލުކަންވެސް މިއަށް ވަނީ އިތުރުކޮށްފައެވެ.
މީގެއިތުރުން، މި ރޮބޮޓްތައް މަގުހުރަސްކުރާ އިރު ޒެބްރާ ކްރޮސިންގްތަކާއި ޓްރެފިކް ސިގްނަލްތަކަށް ފުރިހަމައަށް ބޯލެނބުމުގެ އިތުރުން، މަގުމަތީގެ ނިޒާމު އޮތްގޮތަށް ބަލައި، ޑިއުޓީގައި ހޭދަކުރާނެ ވަގުތުވެސް އަމިއްލައަށް ކަނޑައަޅާނެއެވެ.
މި ސިސްޓަމް ތަރައްގީކުރި ފަރާތްތަކުން ހާމަކުރާގޮތުގައި، މި އަޕްގްރޭޑްތަކުގެ މައިގަނޑު މަގުސަދަކީ ކޮންމެ މޫސުމެއްގައިވެސް އަދި 24 ގަޑިއިރު މެދުކެނޑުމެއްނެތި އަމިއްލައަށް މަގުމަތި ބެލެހެއްޓުމުގެ ގާބިލުކަން ރޮބޮޓްތަކަށް ހޯދައިދިނުމެވެ. އަދި މި ބަދަލުތަކުގެ ސަބަބުން އާންމުންނަށް ލިބޭ އެހީތެރިކަން އިތުރުވެ، މަގުމަތީގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެފަރާތުން ފާހަގަކުރެއެވެ.













