އިސްލާމީ ރިވެތި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއްގެ އެންމެ މުހިންމު އެއް ސިފައަކީ އެކަކު އަނެކަކަށް އިހުތިރާމުކުރުން ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހީނާ މި މޭރުމުން ވިދާޅުވީ، ސަރުކާރުން ފެށުމަށް ތައްޔާރުވަމުންދާ އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވަނީ ދިވެހި ތާރީހުން ހެކިދޭ ފަދައިން ދިވެހިންނަކީ ޒަމާނުއްސުރެ މެހެމާންދާރީ އަދާކުރުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރިވެތި ނަމޫނާއެއް ދައްކަމުން އައިސްފައިވާ، ހަރުދަނާ ސިފަތަކެއްގެ ވެރި ބައެއްކަން ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވާފައިވާ އިހުތިރާމުކުރުމުގެ ގައުމީ ކެމްޕޭނުގެ ޝިއާރު ކަމަށްވާ ”އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ“ އަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، އެކަކު އަނެކަކަށް ގަދަރާއި އިހުތިރާމުކޮށް އަޅާލާ މުޖުތަމައަކީ އަބަދުވެސް އުފާވެރިކަމާއި ހަމަޖެހުން ލިބިގެންވާ ތަނަކަށް ވެގެންދާނެ ކަމަށެވެ.
”އަޅުގަނޑުމެން ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މައިގަނޑު އަސާސެއްގެ ގޮތުން މަސައްކަތްކުރަން މިޖެހެނީ، ކާބަފައިންގެ ޒަމާނުގައި އަޅުގަނޑުމެންގެ ތެރޭގައި އޮތް އިސްލާމީ އަދަބު އަހުލާގާއި، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އިތުރުން އެއްބަޔަކު އަނެއްބަޔަކަށް އަޅާލައި އޯގާތެރިވުމުގެ ރިވެތި އާދަ މުޖުތަމައުގައި އަލުން އަށަގަންނުވައި ދިރުވުމަށް.“ – މިނިސްޓަރު ހީނާ ވިދާޅުވިއެވެ.
މީގެއިތުރުން، މި މަޝްރޫއަކީ މާތްވެގެންވާ އިސްލާމްދީނުގައި އެންމެ ބޮޑަށް ބާރުއަޅާ އެއް ސިފަކަމުގައިވާ އެކަކު އަނެކަކަށް އިހުތިރާމުކުރުމުގެ މަތިވެރި މަހުސަދުގައި ހިންގޭ ޕްރޮގްރާމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ޕްރޮގްރާމް އެކުލަވައިލުމަށްޓަކައި ރާއްޖޭގެ އެކި ޖަމުއިއްޔާ ޖަމާއަތްތަކާ މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި މި ހަރަކާތްތައް ކުރިއަށްދާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭހެން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެ ބައިވެރިވުން ލިބޭނެ ފަދަ ގޮތަކަށް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. މިފަދަ ފުރިހަމަ ބައިވެރިވުމަކާއެކު މި މަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ، މުޖުތަމައަށް އޭގެ އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރު ހީނާ ވަނީ ވިދާޅުވެފައެވެ.
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ މައުލޫމާތުތައް އާންމުކުރުމަށްޓަކައި ހާއްސަ ވެބްސައިޓެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. ހެރިޓޭޖް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ވެބްސައިޓް މެދުވެރިކޮށް ހޭލުންތެރިކަމުގެ މެސެޖުތަކާއި، އެކި ހަރަކާތްތަކުގެ ފޮޓޯއާއި ވީޑިއޯގެ އިތުރުން ލިޔެކިޔުންތައް ފެންނަން ހުންނާނެއެވެ.












