އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތިޔަނާތަށް ނިސްބަތްކޮށް ހުތުރު ބަހުން އީމެއިލް ފޮނުވިކަމަށް ތުހުމަތުކުރެވި، ޝަރީޢަތް ނުނިމި 2.5 އަހަރު ޖަލުގައި ހޭދަކުރި މުބާރަކް ޢަލީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އިންޑިއާގެ އައްލަހާބާދު ހައިކޯޓުން އަމުރުކޮށްފިއެވެ.
މުބާރަކް ޢަލީ ހައްޔަރުކުރީ މާރޗް 20، 2024 ގައެވެ. އޭނާގެ މައްޗަށް އިންޑިއާގެ ޤާނޫނުލްޢުޤޫބާތުގެ އެތައް މާއްދާތަކަކާއި (153A, 295A ފަދަ) އިންފޮމޭޝަން ޓެކްނޮލޮޖީގެ ޤާނޫނުގެ ދަށުން ވަނީ ދަޢުވާކޮށްފައެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި، ޢަލީ މި އީމެއިލް ފޮނުވީ ފުލުހުންނަށް މަޢުލޫމާތުދޭ މީހަކާ އޮތް ޒާތީ މައްސަލައެއް ހައްލުކުރުމަށްޓަކައެވެ. ނަމަވެސް ޢަލީގެ ވަކީލު ވަނީ މިކަން ދޮގުކޮށް، މިއީ އޭނާ ހަލާކުކޮށްލުމަށްޓަކައި ހަދައިގެން އުޅޭ މައްސަލައެއް ކަމަށް ބުނެފައެވެ.
ޖަސްޓިސް ކްރިޝާން ޕަހާލް މި ނިންމުން ނިންމީ ޝަރީޢަތް ކުރިއަށްދާ އިންތިހާއަށް ލަސް ދުވެއްޔަށް ރިޢާޔަތްކުރުމަށް ފަހުގައެވެ. ޖުލައި 23، 2026 އާ ހަމައަށް އައިއިރުވެސް، 26 ހެކިންގެ ތެރެއިން ކޯޓަށް ހާޒިރުކުރެވިފައިވަނީ އެންމެ 4 ހެކިންނެވެ. ކޯޓުން ކަނޑައެޅީ، ޝަރީޢަތް މިހާ ލަސްކޮށް ކުރިއަށްދާއިރު، އެއްވެސް މީހަކު ކުށެއް ޘާބިތުނުވަނީސް އެހާ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކޮށްފައި ނުބެހެއްޓޭނެ ކަމަށެވެ.













