ތުރުކީގެ ހުޅަނގުގައި އޮންނަ މާނީސާ ޕްރޮވިންސްގެ ސްކޫލެއްގެ ބޭރުގައި އަންގާރަ ދުވަހު ބަޑިޖެހި މައްސަލައިގައި އަނިޔާވި ކުދިންގެ ޢަދަދު 11 އަށް އަރައިފިއެވެ. ފުލުހުން ވަނީ މި ޙަމަލާދިން ކަމަށް ތުހުމަތުކުރެވޭ ކުއްޖާ ހައްޔަރުކޮށްފައެވެ.
ޓުރްގުޓްލޫ ޑިސްޓްރިކްޓްގައި ހުންނަ ސްކޫލަށް ދިން މި ޙަމަލާއާ ގުޅިގެން، ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޙަމަލާދިން ކުއްޖާގެ އިތުރުން އޭނާގެ މައިންބަފައިންނާއި ކާފަވެސް ހައްޔަރުކޮށްފައެވެ. މިއީ ހަމަ އެ ސްކޫލުގައި ކިޔަވަމުންދާ ކުއްޖެއްކަމަށް ތުރުކީގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. މި ޙަމަލާގައި ބޭނުންކޮށްފައިވަނީ އެކުއްޖާގެ ކާފަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޝޮޓްގަންއެކެވެ. އޭނާ މި ހަތިޔާރު ހޯދީ މާމަމެންގެ ގެއިންކަމަށް މަޢުލޫމާތު ލިބެއެވެ.
ތުރުކީގެ ޖަސްޓިސް މިނިސްޓަރު އަކިން ގުރްލެކް ބުނި ގޮތުގައި، ޙަމަލާދިން ކުއްޖާގެ މަންމައާއި ބައްޕަ އަދި ކާފަ ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން އަންނަނީ ހަތިޔާރު ރައްކާތެރިކުރުމުގައި އެމީހުންގެ އިހުމާލެއް އޮތްތޯ ތަޙުޤީޤުކުރަމުންނެވެ. ޙަމަލާ ދިން ސަބަބު އަދި ޔަޤީންނުވި ނަމަވެސް، އެކުއްޖާއަކީ ސްކޫލުގައި ބުލީގެ ޝިކާރައަކަށްވެފައިވާ ކުއްޖެއްކަމަށް ކުރެވޭ ތުހުމަތުތައް ދެ ޕްރޮސެކިއުޓަރަކު އަންނަނީ ތަޙުޤީޤުކުރަމުންނެވެ.













