އެކުވެރި ދައުލަތްތަކުގެ (އދ.) އާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ގައުމީ ބަސް ކަމަށްވާ ދިވެހިބަހުން އެންމެ ފުރަތަމަ ތަގުރީރު ކުރެއްވި ބޭފުޅާގެ ޝަރަފު ލިބިވަޑައިގަތްތާ 20 އަހަރު ފުރުން ފާހަގަކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ހަނދާންތައް އާކުރައްވައިފިއެވެ.
މައުމޫން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާއެއްގައި މާދަރީ ބަހުން ވާހަކަދެއްކެވި ފުރަތަމަ ޝަޚުޞިއްޔަތަކަށް ވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަތް ޚާއްޞަ ފަޚުރެއް ކަމަށާއި އެއީ ނުހަނު ފާހަގަކޮށްލެވޭ ފަދަ އިހުސާސްތަކެއް ކުރުވި ތާރީޚީ ހާދިސާއެއް ކަމަށެވެ.
މިއީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުނު އދ. ގެ 59 ވަނަ އާންމު މަޖިލީހުގައި ރައީސް މައުމޫން ކުރެއްވި ތާރީޚީ ތަގުރީރާ ގުޅޭގޮތުން ކުރެއްވި ހަނދާން އާކުރުމެކެވެ. އެ ތަގުރީރަކީ އދ. ގެ އެންމެ ޝަރަފްވެރި ޕޯޑިއަމްގައި ދިވެހިބަހުގެ އަޑު އެންމެ ފުރަތަމަ އިވިގެންދިޔަ ފަޚުރުވެރި މުނާސަބަތެވެ.
މީގެ އިތުރުން މީގެ 50 އަހަރު ކުރިން، 1974 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ގައި، މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު މުސްތަފާ ހުސައިން ސްރީލަންކާގެ ކޮލަމްބޯއިން ފުރައިވަޑައިގެން ނިއުޔޯކަށް ވަޑައިގެން އދ. ގައި ރާއްޖޭގެ ދާއިމީ މިޝަން އަލުން ހުޅުއްވައި ހިންގަވަން ފެއްޓެވި ހާދިސާއަކީވެސް ރާއްޖޭގެ ޚާރިޖީ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ފާހަގައެކެވެ.
އދ. ގެ ޕޯޑިއަމްގައި ދިވެހިބަހުން ވާހަކަދެއްކެވި ފުރަތަމަ ޒައީމުގެ ގޮތުގައި މައުމޫން ހައްދަވައިދެއްވި މިއިއްޒަތަކީ ދިވެހި ގައުމިއްޔަތާއި ބަހުގެ ތާރީޚުގައި ރަންއަކުރުން ފެވިގެންދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.













