ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދެވޭނެ ގޮތަށް ބައްޓަންކޮށްފައިވާ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ރިއަލް އެސްޓޭޓް ވަސީލަތްތައް ހިމެނޭ މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަނުގެ ލީސް ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ އެންމެ ފުރަތަމަ ވެސް ޖަމާކުރާނީ ރާއްޖޭގެ ބޭންކެއްގައި ސަރުކާރާއެކު ގާއިމުކުރާ އެސްކްރޯ އެކައުންޓަކަށް ކަމަށެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ފައިސާ ދެއްކުމާއި، އިމާރާތްތަކާއި ޔުނިޓްތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާގެ މުއާމަލާތްތަކެއް ވެސް ހިންގުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ލައިސަންސް ދީފައިވާ ބޭންކުތަކުގެ އެސްކްރޯ އެކައުންޓްތައް މެދުވެރިކޮށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުވެސް ވަނީ ފާހަގަކުރައްވާފައެވެ.
މި ނިޒާމުގެ ސަބަބުން މަޝްރޫއާ ގުޅޭ ފައިސާގެ ދައުރުވުން ދިވެހި ބޭންކިން ނިޒާމުގެ ތެރޭގައި ހިފެހެއްޓި، ރާއްޖޭގެ އިގްތިސާދަށް ވަންނަ ބޮޑު އާމްދަނީ ބޭރަށް ދިޔުން ހުއްޓުވައި، އާންމުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި މަޝްރޫއު ކުރިއަށް ގެންދަނީ އެއްވެސް ޓެކްސް އިސްތިސްނާއެއް ނުވަތަ ޓެކްސް ހޮލިޑޭއެއް ދިނުމެއް ނެތި، އާންމު ގާނޫނުތަކުގެ ދަށުން ސަރުކާރަށް ޓެކްސް ލިބޭ ގޮތަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ވިޔަފާރި އުސޫލުން ތަރައްގީކުރާ ތަންތަން ވިއްކައިގެން ލިބޭ އާމްދަނީގެ 10 އިންސައްތަ އަދި ފުރަތަމަ އާއި ދެވަނަ މަރުހަލާގެ މުއާމަލާތްތަކުން 4 އިންސައްތައިގެ ރަޖިސްޓްރޭޝަން ފީއެއް ދައުލަތަށް ލިބޭނެއެވެ.
މިނިސްޓަރު މައުލޫމާތު ދެއްވި ގޮތުގައި، މަޝްރޫއުގެ ފުރަތަމަ އަހަރު ލީސް ރައިޓްސް ވިއްކައިގެން ރާއްޖެއަށް 30 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް އަންދާޒާ ކުރެވޭއިރު، އޭގެ ފަހުން އެ ތަންތަން ހިންގައިގެން އަހަރަކު ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ރާއްޖޭގެ އިގްތިސާދަށް ވަންނަމުންދާނެއެވެ.
އަބޫދާބީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާއިރު، އެ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އަޅާ 5،000 ފުލެޓުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެއެވެ. މި ހައުސިން ޔުނިޓުތަކުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެ ކުންފުނިންނެވެ.
މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ހިންގާ މި ތާރީޚީ މަޝްރޫއުގެ ދަށުން 1,100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައި، 65,000 ހައުސިން ޔުނިޓުގެ އިތުރުން މެރީނާއަކާއި ހޮޓާތަކާއި ރިސޯޓުތައް އަދި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އީގަލް ހިލްސްއަކީ ބުރްޖް ޚަލީފާ ފަދަ ބިޔަ މަޝްރޫއުތައް ހިންގި އިމާރް ޕްރޮޕަޓީޒްގެ ބާނީ މުޙައްމަދު އަލްޢައްބާރު 2014 ވަނަ އަހަރު އުފެއްދެވި، ދުނިޔޭގެ 18 އަށް ވުރެ ގިނަ ގައުމުގައި ބޮޑެތި އުމްރާނީ މަޝްރޫއުތައް ހިންގަމުން އަންނަ ކާމިޔާބު ކުންފުންޏެކެވެ.













