ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ނިމިދިޔަ އޮގަސްޓް މަހުގެ ތެރޭގައި 222 މައްސަލައެއް ބަލައިގެންފައިވާ ކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޕީޖީ އޮފީހުން އާންމުކޮށްފައިވާ އޮގަސްޓް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކޮށް އަވަސް ފުރުސަތެއްގައި އިންސާފު ގާއިމުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން، ތަހުގީގީ އެކި އިދާރާތަކުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 729 މައްސަލައެއްގައި ގާނޫނީ ލަފާ ދީފައިވެއެވެ. މިއީ ތަހުގީގުތައް ފުރިހަމަކޮށް، ހެކި ވަރުގަދަކުރުމަށްޓަކައި ދެވިފައިވާ މުހިންމު ލަފާތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އޮގަސްޓު 2026 ގެ ތަފާސްހިސާބު. pic.twitter.com/ZCGRJ0qISz
— Prosecutor General’s Office (@PGO_MV) September 19, 2026
މީގެއިތުރުން، އެކި ކުށްތަކާ ގުޅިގެން ޝަރީއަތަށް ފޮނުވުމަށް 330 މައްސަލައެއްގައި ދައުވާ އުފުލައި ކޯޓުތަކަށް ވަނީ ހުށަހަޅައިފައެވެ. އަދި ޝަރީއަތުގެ މަރުހަލާގައި ހިނގަމުންދާ މައްސަލަތަކާ ގުޅިގެން ކޯޓުތަކުގައި ބޭއްވުނު އަޑުއެހުންތަކުގެ ތެރެއިން 1,205 އަޑުއެހުމަކަށް ޕީޖީ އޮފީހުގެ ވަކީލުން ވަނީ ހާޒިރުވެފައެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، މައްސަލަތައް އަވަހަށް ނިންމައި، ކުށް މަދުކުރުމަށާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތަހުގީގީ އިދާރާތަކާއި ކޯޓުތަކާ ގުޅިގެން ހަލުވި ދުވެއްޔެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަބަދުވެސް އިސްކަންދޭ ކަމަށެވެ.














