އަބޫދާބީގެ ”އީގަލް ހިލްސް“ ކުންފުންޏަށް ރަސްމާލޭގެ އެންމެ އިންޗިއެއް ވެސް ވިއްކާނުލާނެ ކަމަށާއި، އެ ކުންފުނިން ރާއްޖޭގައި އިންވެސްޓުކުރަނީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަރީރު މި މޭރުމުން ވިދާޅުވީ، ރަސްމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ”މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ“ މަޝްރޫއުގެ ދަށުން އިންވެސްޓަރުންނަށް އެ ސަރަހައްދުގެ ބިން ވިއްކާލަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކުގެ ހަގީގަތް ހާމާކޮށް، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ވިއްކާލީ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، އެ ކުންފުނިން ރާއްޖޭގައި އިންވެސްޓް ކުރާނީ ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ގާނޫނުން ހުއްދަކުރާ 99 އަހަރުގެ ލީޒް އުސޫލުން ކަމަށެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ހުރިހާ ވަސީލަތްތަކާއި ހަރުމުދަލުގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދައުލަތަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
”އެއްވެސް ހާލެއްގައި މިއީ ރާއްޖޭގެ ބިމުން އެންމެ ތަންފުކެއްވެސް ވިއްކާލެވޭ ގޮތަށް ހިންގާ މަޝްރޫއެއް ނޫން. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅަކީ ރާއްޖޭގެ ބިމުން އެންމެ އަކަފޫޓެއްވެސް ބޭރުގެ ފަރާތަކަށް ވިއްކާނުލެއްވުން. އެހެންކަމުން އެ އުސޫލު އަބަދުވެސް ދަމަހައްޓާނެ،“ – މިިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގައި އިންވެސްޓްކުރާ ކޮންމެ ފަރާތަކުންވެސް އަމަލުކުރަންޖެހޭނީ ސަރުކާރުގެ ސިޔާސަތުތަކާއި ގާނޫނުތަކުގެ އިމުގެ ތެރޭގައިކަން ފާހަގަކުރައްވައި މިނިސްޓަރު ޒަރީރު ވިދާޅުވީ، އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގައިވެސް ބިމުގެ މިލްކުވެރިކަން އެ ކުންފުންޏަށް ލިބޭނެ އެއްވެސް މާއްދާއެއް ހިމަނާފައި ނޯންނާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ހިންގޭ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށްވާއިރު، މިކަމުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ދިވެހި ރައްޔިތުންނަށް މަންފާކުރާނެ ކަމަށްވެސް މިނިސްޓަރު ޒަރީރު ވަނީ ވިދާޅުވެފައެވެ.
ރަސްމާލޭގައި ”މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ“ މަޝްރޫއު ކުރިއަށް ގެންދިއުމަށް އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވަނީ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުމެއްގައިކަން ފާހަގަކޮށްލަންޖެހެއެވެ.













