2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެޕަލްގެ އައިފޯން 17 ސީރީޒް ފަހަތަށް ޖައްސާލުމަށްފަހު، ސެމްސަންގްގެ މިޑްރޭންޖް ގެލެކްސީ އޭ ސީރީޒަކީ ދުނިޔޭގައި އެންމެ ގިނައިން ވިކުނު ސްމާޓްފޯން އާއިލާގެ ގޮތުގައި ބާޒާރުގެ އެއްވަނަ ހޯދައިފިއެވެ.
މާކެޓް ރިސާޗް ފާމެއް ކަމަށްވާ ސްމާޓް އެނަލިޓިކްސް ގްލޯބަލް (އެސްއޭޖީ) އިން ސެޕްޓެމްބަރު 15 ގައި ނެރުނު ”ސްމާޓްފޯން 360“ ރިޕޯޓުގައިވާ ގޮތުން، ގެލެކްސީ އޭ ސީރީޒުން ވަނީ ދުނިޔޭގެ ސްމާޓްފޯން ޝިޕްމަންޓުގެ 18 އިންސައްތަ ހިއްސާކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ރޭންކިންގގެ ދެވަނައިގައި އޮތީ އެޕަލްގެ އައިފޯން 17 ސީރީޒެވެ. އެ ސީރީޒަށް ބާޒާރުގެ 16 އިންސައްތަ ހިއްސާ ލިބިފައިވާއިރު، އަހަރީ ގޮތުން ބަލާއިރު އެ ސީރީޒްގެ ޝިޕްމަންޓް ވަނީ 24 އިންސައްތަ އިތުރުވެފައެވެ. ތިންވަނައިގައި 7 އިންސައްތައިގެ ހިއްސާއާއެކު ޝައޯމީގެ ރެޑްމީ ސީރީޒް އޮތްއިރު، ސެމްސަންގްގެ އެސް ސީރީޒާއި އެޕަލްގެ އައިފޯން 16 ސީރީޒުން ކުރެ މިއިން ކޮންމެ ސީރީޒަކަށް ލިބިފައިވަނީ ބާޒާރުގެ ގާތްގަނޑަކަށް 4 އިންސައްތައެވެ.
އައިފޯން 17 ލައިނަޕްގައި ހިމެނެނީ އައިފޯން 17، އައިފޯން 17އީ، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސްއެވެ. އެޕަލްގެ ސީއެފްއޯ ކެވާން ޕަރެކް ފައިނޭންޝަލް ޓައިމްސްއަށް އޭޕްރީލް މަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، މިއީ އެ ކުންފުނީގެ ތާރީޚުގައިވެސް ނެރުނު އެންމެ މަގުބޫލު ފޯން ލައިނަޕް ކަމަށެވެ.
ސްމާޓްފޯން އާއިލާތަކުގެ ރޭންކިންގގެ އެއްވަނަ ސެމްސަންގުން ހޯދިނަމަވެސް، ވަކިވަކި މޮޑެލްތަކުގެ ވިކުރާގެ ކުރިހޯދާފައިވަނީ އެޕަލްއިންނެވެ. އެގޮތުން ދުނިޔޭގެ އެންމެ ގިނައިން ވިކުނު ތިން މޮޑެލްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އައިފޯން 17، އައިފޯން 17 ޕްރޯ މެކްސް އަދި އައިފޯން 17 ޕްރޯއެވެ.
ސެމްސަންގްގެ ޕްރީމިއަމް އެސް26 ސީރީޒް މާޗް މަހު ނެރުނުއިރު ވަރުގަދަ ފެށުމެއް ލިބުނު ނަމަވެސް، ފަހުން ވަނީ އޭގެ މާކެޓް ދަށްވާން ފަށާފައެވެ. އެސް26، އެސް26 ޕްލަސް އަދި އެސް26 އަލްޓްރާ އެއްކޮށް ދެވަނަ ކުއާޓަރުގައި ހިއްސާކޮށްފައިވަނީ ދުނިޔޭގެ ސްމާޓްފޯން ޝިޕްމަންޓުގެ ގާތްގަނޑަކަށް 4 އިންސައްތައެވެ. މިއީ އަހަރީ ގޮތުން ބަލާއިރު 18 އިންސައްތައިގެ ދަށްވުމެކެވެ.
އެސްއޭޖީގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ފޯނު އުފެއްދުމަށް ބޭނުންވާ ބާވަތްތަކުގެ އަގު ބޮޑުވުމާ ގުޅިގެން އުފައްދާ ފަރާތްތަކުން ފޯނުގެ އަގުތައް އުފުލުމުގެ ސަބަބުން، އަގުހެޔޮ އަދި މިޑްރޭންޖް ސްމާޓްފޯން އާއިލާތަކުގެ ވިކުރާ ވަނީ އާންމުގޮތެއްގައި ދަށްވެފައެވެ. އެގޮތުން ޝައޯމީގެ ރެޑްމީ ސީރީޒްގެ ޝިޕްމަންޓް 17 އިންސައްތަ ދަށްވެފައިވާއިރު، ވީވޯގެ ވައި ސީރީޒާއި އޯޕޯގެ އޭ ސީރީޒްގެ ޝިޕްމަންޓް ވަނީ 18 އިންސައްތަ ދަށްވެފައެވެ.
މީގެއިތުރުން އޮނާގެ އެކްސް ސީރީޒް 24 އިންސައްތަ، މޮޓޯރޯލާގެ ޖީ ސީރީޒް 35 އިންސައްތަ ދަށްވެފައިވާއިރު، ޝައޯމީގެ ޕޯކޯ ސީރީޒަކީ ބެލެވުނު ބޮޑެތި ބްރޭންޑްތަކުގެ ތެރެއިން އެންމެ ބޮޑު ދަށްވުމެއް އައި ސީރީޒެވެ. އެ ސީރީޒްގެ ޝިޕްމަންޓް ވަނީ 40 އިންސައްތައަށް ވެއްޓިފައެވެ.
އެޕަލް އަދި ސެމްސަންގް ފިޔަވައި މި ނޭދެވޭ ބަދަލާ ދެކޮޅަށް ކުރިއެރުން ހޯދި މަދު ބްރޭންޑްތަކުގެ ތެރޭގައި ވާވޭ ހިމެނެއެވެ. ވާވޭގެ ނޯވާ ސީރީޒުން އަހަރީ ގޮތުން 19 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު، ޗައިނާގެ ބާޒާރަށް ޚާއްޞަކޮށްގެން ނެރޭ އެ ކުންފުނީގެ ޗަންގްޝިއަންގް ސީރީޒްގެ ޝިޕްމަންޓް ވަނީ 94 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.











