އެމެރިކާގެ ދަރިވަރުންގެ ކިޔެވުމާއި، ހިސާބު ނަތީޖާ ފާއިތުވި 20 އަހަރުގެ ތެރޭގައި ނުވެއްޓޭ މިންވަރަށް ދަށަށް ގޮސްފިކަމަށް ފެންވަރު ބެލުމުގެ އިމްތިހާނަކުން ސާބިތުވެއްޖެއެވެ.
އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) އިން ބޭއްވި ބައިނަލްއަގުވާމީ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ އިމްތިހާނު، ”ޕްރޮގްރާމް ފޯ އިންޓަނޭޝަނަލް ސްޓޫޑެންޓް އެސެސްމަންޓް“ (ޕީއައިއެސްއޭ/ޕީސާ) 2025 ގެ އެންމެ ފަހުގެ ނަތީޖާ މިހާރު ވަނީ އާންމުކޮށްފައެވެ. މި ނަތީޖާއިން ދައްކާ ގޮތުގައި އެމެރިކާގެ 15 އަހަރުގެ ދަރިވަރުންގެ ކިޔެވުމާއި ހިސާބު މާއްދާގެ ނަތީޖާ ވަނީ ފާއިތުވި ދެ ދަހަރުގެ ތެރޭގައި ނުވެއްޓޭ މިންވަރަށް ދަށަށް ގޮސްފައެވެ.
ސައިންސް މާއްދާއިން އެމެރިކާގެ ދަރިވަރުންގެ ފެންވަރު އެއްވަރެއްގައި ހިފެހެއްޓިފައިވީ ނަމަވެސް، ލިޔަންކިޔުމާއި ހިސާބު މާއްދާއިން މި ފަހަރު ލިބުނު ނަތީޖާއަކީ 2018 ވަނަ އަހަރަށް ވުރެ ދަށް އަދި ތާރީޚުގައިވެސް އެމެރިކާއަށް މި އިމްތިހާނުން ލިބުނު އެންމެ ދަށް ނަތީޖާތަކުގެ ތެރޭގައި ހިމެނޭ ނަތީޖާއެކެވެ.
މުޅި ދުނިޔޭގެ 91 ގައުމަކާއި އިގްތިސާދަކުން 15 އަހަރުގެ 760,000 ދަރިވަރުން ބައިވެރިވި މި އިމްތިހާނުގައި ދަރިވަރުންގެ ސައިންސް، ކިޔެވުން، ހިސާބު އަދި ކޮމްޕިއުޓޭޝަނަލް މަސައްކަތްތައް ހައްލުކުރުމުގެ ގާބިލުކަން ވަނީ ވަޒަންކޮށްފައެވެ. އެމެރިކާގެ ދަރިވަރުންނަށް ކިޔެވުމުގެ ބައިން 490 ޕޮއިންޓް ލިބިފައިވާއިރު، މިއީ 2009 ވަނަ އަހަރަށް ފަހު އެ ގައުމަށް ލިބުނު އެންމެ ދަށް ނަތީޖާއެވެ. އަދި ހިސާބު މާއްދާއިން ލިބުނު 463 ޕޮއިންޓަކީ 2006 ވަނަ އަހަރަށް ފަހު އެމެރިކާއަށް ހިސާބުން ލިބުނު އެންމެ ދަށް ނަތީޖާއެވެ. މިއީ ޖެހިޖެހިގެން ދެވަނަ ފަހަރަށް އެމެރިކާގެ ކިޔެވުމުގެ ނަތީޖާ ދަށަށް ދިޔަ ފަހަރު ކަމަށްވާއިރު، އެންމެ ފަހުން 2022 ގައި ބޭއްވި އިމްތިހާނާ އަޅާބަލާއިރު މިއީ 14 ޕޮއިންޓުގެ ދަށްވުމެކެވެ.
ޕީސާ 2025 ގެ އިމްތިހާނުގައި އެމެރިކާގެ 144 ސުކޫލަކުން 4,625 ދަރިވަރުން ބައިވެރިވިއެވެ. މިއީ އެ ގައުމުގެ 3.58 މިލިއަން ދަރިވަރުންގެ ތެރެއިން ގާތްގަނޑަކަށް 85 އިންސައްތަ ދަރިވަރުން ރެޕްރެޒެންޓްކުރާ އަދަދެކެވެ. އިމްތިހާނުގެ ނަތީޖާއަށް ބަލާއިރު، އެމެރިކާގެ ދަރިވަރުންގެ ތެރެއިން ކިޔެވުމުގެ އަސާސީ ގާބިލުކަން ހުރީ 74 އިންސައްތަ ދަރިވަރުންގެއެވެ. މީގެ މާނައަކީ މެދު މިނުގެ ދިގުމިނުގެ ލިޔުންތަކުގެ މައިގަނޑު ޚިޔާލު ދެނެގަތުމާއި، ސާފުކޮށް ބަޔާންކޮށްފައިވާ މައުލޫމާތު ހޯދައި، ލިޔުމުގެ މަގުސަދާމެދު ވިސްނުމުގެ ގާބިލުކަން އެ ދަރިވަރުންގެ ކިބައިގައި ހުރުމެވެ. އަދި ހިސާބު މާއްދާއިން އަސާސީ ގާބިލުކަން ހުރީ 65 އިންސައްތަ ދަރިވަރުންގެއެވެ. މީގެ މާނައަކީ އާދައިގެ އާންމު ހާލަތްތައް ހިސާބުގެ އަދަދުތަކަށް ބަދަލުކޮށްގެން ދެނެގަތުމުގެ ގާބިލުކަން (މިސާލަކަށް ދެ މަގެއްގެ ދިގުމިން އަޅާކިޔުން ނުވަތަ ފައިސާގެ އަގުތައް އެހެން ކަރަންސީއަކަށް ބަދަލުކުރުން) އެ ދަރިވަރުންގެ ކިބައިގައި ހުރުމެވެ.
މި އިމްތިހާނުގައި ނަތީޖާ ދަށަށް ގޮސްފައިވަނީ ހަމައެކަނި އެމެރިކާގައެއް ނޫނެވެ. އޮސްޓްރޭލިއާ، ބެލްޖިއަމް، ކެނެޑާ، ޗެކިއާ، ޑެންމާކް، ފިންލޭންޑް، ފްރާންސް، ޖަރުމަނު، ގްރީސް، ހަންގޭރީ، އައިސްލޭންޑް، އަޔާލޭންޑް، އިޓަލީ، ޖަޕާން، ދެކުނު ކޮރެއާ، ލެޓްވިއާ، މެކްސިކޯ، ނިއުޒީލޭންޑް، ނޯވޭ، ޕޯލޭންޑް، ޕޯޗުގަލް، ސުވިޑަން އަދި ސުވިޒަލޭންޑް ހިމެނޭހެން އޯއީސީޑީގެ 23 ގައުމެއްގެ ދަރިވަރުންގެ ކިޔެވުމާއި ހިސާބުގެ އެވްރެޖް ނަތީޖާ ވަނީ ޕީސާ އިމްތިހާން ބާއްވަން ފެށިފަހުން ލިބުނު އެންމެ ދަށް މިންވަރަށް ވެއްޓިފައެވެ. 2015 އާއި 2025 އާ ދެމެދު އޯއީސީޑީ ގައުމުތަކުގެ ކިޔެވުމުގެ އެވްރެޖް ނަތީޖާއިން 28 ޕޮއިންޓް ދަށަށް ގޮސްފައިވާއިރު، މިއީ ގާތްގަނޑަކަށް 1.5 އަހަރުގެ އުނގެނުން ގެއްލިގެން ދިއުމާ އެއްވަރުގެ އަދަދެކެވެ. އަދި ހިސާބު މާއްދާގެ އެވްރެޖް ނަތީޖާ ވަނީ 22 ޕޮއިންޓް ދަށަށް ގޮސްފައެވެ.
ނަތީޖާތައް ދަށަށް ދިޔަ ނަމަވެސް، އެމެރިކާގެ ދަރިވަރުންގެ ކިޔެވުމާއި ސައިންސްގެ ނަތީޖާ އުޅެނީ އޯއީސީޑީގެ އެވްރެޖަށް ވުރެ މަތީގައެވެ. އަދި ހިސާބު މާއްދާއިން އުޅެނީ އޯއީސީޑީގެ އެވްރެޖް މިންވަރުގައެވެ. މާހިރުން ފާހަގަކުރާ ގޮތުގައި އެމެރިކާގެ ނަތީޖާ އެވްރެޖްގައި ހިފެހެއްޓިފައިވަނީ އެހެން ގައުމުތަކުގެ ނަތީޖާތައްވެސް ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެންނެވެ.
މުޅި ދުނިޔެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވަނީ ޗައިނާ، ސިންގަޕޫރު، ޖަޕާން، ދެކުނު ކޮރެއާ، އެސްޓޯނިއާ އަދި އިނގިރޭސިވިލާތުގެ ތައުލީމީ ނިޒާމުތަކުންނެވެ. އިމްތިހާނުގައި ބައިވެރިވި ޗައިނާގެ ހަތަރު ސަރަހައްދު ކަމަށްވާ ބީޖިން، ޝަންހާއީ، ޖިއަންގްސޫ އަދި ޒޭޖިއަންގް ވަނީ ސައިންސް އަދި ހިސާބު މާއްދާއިން މުޅި ދުނިޔެއިން އެންމެ މަތީ ވަނަ ހޯދާފައެވެ. ސިންގަޕޫރުން ހިސާބާއި ސައިންސުން ދެވަނަ ހޯދިއިރު، ކިޔެވުމުގެ ބައިން މުޅި ދުނިޔެއިން އެންމެ މަތީ ނަތީޖާ ހޯދީ ސިންގަޕޫރުންނެވެ.
މި ފަހަރުގެ ވަޒަންކުރުމުގައި ދަރިވަރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ މިންވަރާއި، ސުކޫލަށް އޮންނަ ލޯތްބާއި ގުޅުންވެސް ވަނީ ބަލާފައެވެ. އޯއީސީޑީން ހާމަކުރި ގޮތުގައި، ސުކޫލު މަސައްކަތްތަކަށް އޭއައި ބޭނުން ނުކުރާ ދަރިވަރުންގެ ނަތީޖާ، އޭއައި ބޭނުންކުރާ ދަރިވަރުންނަށް ވުރެ އެވްރެޖްކޮށް 20 ޕޮއިންޓް މައްޗެވެ. މިއީ ގާތްގަނޑަކަށް އެއް އަހަރުގެ އުނގެނުމުގެ ފަރަގެކެވެ.
މީގެ އިތުރުން، ފުރާވަރުގެ ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދިންނަށް ސައްހަ ނޫން މައުލޫމާތު (މިސްއިންފޮމޭޝަން) ވަކިކުރަން ނޭނގޭކަން ވަނީ ފާހަގަކުރެވިފައެވެ. ދަރިވަރުން ކިޔާ އެއްޗެއް ފުންކޮށް ވިސްނައި ވަޒަންކުރުމަށް ނުކުޅެދިފައިވާއިރު، ލިޔުންތައް ”އަވަސްއަވަހަށް ކިޔާލައިގެން“ ނުބައިކޮށް ސުވާލުތަކަށް ޖަވާބުދޭ މިންވަރު 2025 ވަނަ އަހަރާ އަޅާބަލާއިރު ވަނީ ދެގުނައަށް އިތުރުވެފައެވެ.
އެމެރިކާގައި ކިޔެވުމުގެ ފެންވަރު ދަށަށް ދިއުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ތައުލީމީ މާހިރުން ދެކެނީ، ސުކޫލުތަކުގައި ފުރިހަމަ ފޮތްތައް ކިޔެވުމުގެ ބަދަލުގައި ކުރު ލިޔުންތައް ބޭނުންކުރުން އިތުރުވުމެވެ. މިއީ ސްޓޭންޑަޑައިޒްޑް ޓެސްޓުތަކުގެ ޕްރެޝަރާއި، ބަޖެޓުގެ ދަތިކަމާއި، ކްލާސްރޫމްތަކުގައި ވަގުތު މަދުވުމުގެ ސަބަބުން ދިމާވެފައިވާ ކަމެކެވެ.
އެންމެ ފަހުގެ ޕީސާ ނަތީޖާ މި ނުކުތީ އެމެރިކާގެ އާންމު ތައުލީމީ ނިޒާމަށް އޮތް އިތުބާރު ކުޑަވަމުންދާ ދަނޑިވަޅެއްގައެވެ. ގިނަ ބެލެނިވެރިން އެމީހުންގެ ދަރިންގެ ތައުލީމާމެދު ހިތްހަމަޖެހުނު ކަމުގައި ވިޔަސް، ސުކޫލުތަކުން ދަރިވަރުން ކޮލެޖަށް ތައްޔާރުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ގަބޫލުކުރަނީ ތިންބައިކުޅަ އެއްބަޔަށް ވުރެ ކުޑަކޮށް ގިނަ ބެލެނިވެރިންނެވެ.












