ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާ ނުދެއްކުމާއި ބަޔާންތައް ހުށަނާޅައިގެން 33 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.
ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާ ނުދައްކައިގެންނާއި ޓެކްސް ބަޔާން ހުށަނާޅައިގެން އެކަކު އަތުން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބިވާ 33 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އާންމުކުރިއިރު، އެ ލިސްޓުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ނަން ވަނީ ހިމެނިފައެވެ.
މީރާއިން މިއަދު އާންމުކުރި މި ލިސްޓަކީ ގަވާއިދުން ޓެކްސް ބަޔާން ނުފޮނުވާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރުމަށް އެ އޮތޯރިޓީން އެކުލަވާލާފައިވާ ހާއްސަ އުސޫލުގެ ދަށުން އާންމުކުރި މައުލޫމާތެކެވެ.
އެ އޮތޯރިޓީން ހާމަކުރި ލިސްޓުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބައްސާމްގެ ނަން ހިމެނޭއިރު، އޭނާއަކީ ފީފާގެ އަޚްލާގީ މިންގަނޑުތަކާ ހިލާފުވެގެން ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން އުމުރަށް ސަސްޕެންޑްކޮށް 1.23 މިލިއަން އެމެރިކާ ޑޮލަރުން މިއަހަރުގެ ސެޕްޓެމްބަރު 11 ގައި ޖޫރިމަނާވެސް ކޮށްފައިވާ ބޭފުޅެކެވެ.
މީގެއިތުރުން ރާއްޖޭގެ މަޝްހޫރު ބައެއް ވިޔަފާރިތަކާއި ކުންފުނިތައް ވެސް މި ލިސްޓުގައި ވަނީ ހިމެނިފައެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ އޭކޭޑީއޭ އިންޖިނިއާސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ”ޗީބޯ ކެފޭ“ ހިންގާ ޗީބޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޑުބްލެކްސް ޕްރައިވެޓް ލިމިޓެޑާއި މެދުފުށި އިންވެސްޓްމަންޓް ފަދަ ކުންފުނިތައް ފާހަގަކޮށްލެވެއެވެ.
މީރާއިން ބުނި ގޮތުގައި މި ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން ފޯނުން ގުޅައި، ގާނޫނީގޮތުން އަޅާނެ ފިޔަވަޅުތަކާއި ކަނޑައެޅިފައިވާ އަދަބުތަކުގެ މައުލޫމާތު ސާފުކޮށްދީ، އެސްއެމްއެސް މެދުވެރިކޮށް ވެސް ވަނީ އަންގައިފައެވެ.
އެހެންކަމުން، މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ބަޔާންތައް ހުށަހެޅުމަށާއި، ފައިސާ ނުދައްކައި ހުރި ފަރާތްތަކުން ލަސްނުކޮށް ފައިސާ ދެއްކުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެއްވެސް ތަފާތުކުރުމެއްނެތި ފިޔަވަޅު އަޅާނެކަން ފާހަގަކޮށް އެ އޮތޯރިޓީން ބުނީ، ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކުގެ ބޭންކު އެކައުންޓްތައް ހިފެހެއްޓުމާއި، ސަރުކާރުގެ ހިދުމަތްތަކާއި އިމްޕޯޓް-އެކްސްޕޯޓް ހުއްދަތައް ހިފެހެއްޓުމުގެ އިތުރުން ސިވިލް ކޯޓުގައި ދައުވާކުރުމާއި، މަސްއޫލުވެރިން ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރުމުގެ އަމުރު ހޯދާނެ ކަމަށެވެ.
އަދި ގަސްދުގައި ޓެކްސްއަށް މަކަރުހަދާ ނުވަތަ ސައްހަނޫން މައުލޫމާތުދޭ ފަރާތްތަކުގެ މައްސަލަތައް ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގުކޮށް، ދައުވާ އުފުލުމަށްޓަކައި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށްވެސް މީރާއިން ވަނީ ބުނެފައެވެ.













