ނިއޯނޭޓަލް ކެއަރ ނުވަތަ ވިހާ ތުއްތު ކުދިންނަށް ދޭ ހާއްސަ ފަރުވާއަކީ ހަމައެކަނި ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ދެވޭ ފަރުވާއެއް ނޫންކަމަށާއި، އެއީ އެ ކުއްޖެއްގެ މުޅި އުމުރުގެ ދުޅަހެޔޮކަމާއި ސިއްހަތާ ގުޅިފައިވާ ވަރަށް މުހިންމު ފަރުވާއެއް ކަމަށް ހެލްތް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ”ނިއޯކެއަރ ކޮންފަރެންސް“ ފެށުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ރަށްތައް އުފެދި ބެހިފައިވާ ގޮތުން ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރެއެވެ. ނަމަވެސް، މިފަދަ ކޮންފަރެންސްތަކުގެ ސަބަބުން ހޮސްޕިޓަލްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ފަންނީ މާހިރުންގެ އިރުޝާދާއެކު މި ދާއިރާއަށް ހޭލުންތެރި، ގާބިލު ހިދުމަތްތެރިންތަކެއް މުޅި ރާއްޖޭގައި ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އަތޮޅުތަކުގައި ހުރި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގައި މި ހިދުމަތްތައް އަދި އެންމެ ފުރިހަމައަށް ގާއިމުވެފައި ނެތް ނަމަވެސް، ޓާޝަރީ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި ތަޖުރިބާކާރުން ގުޅިގެން ކުރާ މަސައްކަތުން ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުއްލި ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތަކަށް ސިއްހީ އެހީތެރިން އަހުލުވެރިކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ހިދުމަތުގެ ފެންވަރު މަތީ ދަރަޖައެއްގައި ދެމެހެއްޓުމަށްޓަކައި ދުނިޔެއަށް އަންނަ ޒަމާނީ ތަރައްގީއާ އެއްވަރަށް މެދުކެނޑުމެއްނެތި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
”އެއްފަހަރު ތަމްރީންކޮށްލާފައި ދޫކޮށްލަނީއެއް ނޫން. މިއީ ދެމެހެއްޓެނިވި ތަމްރީންތައް ދޭންޖެހޭ ދާއިރާއެއް. ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް، ކްލިނިކަލް މެންޓޯޝިޕް އަދި މިނޫންވެސް ހިދުމަތްތައް ދޭނެގޮތްތައް ވަރަށް ރަނގަޅަށް އިނގޭ ބަޔަކަށްވާންޖެހޭ، ޒިންމާ ބޮޑު މަސައްކަތެއް.“ – މިނިސްޓަރު ޤީލާ ވިދާޅުވިއެވެ.
ނިއޯނޭޓަލް ކެއަރއަކީ ވަރަށް ދުރު ރާސްތާއަކަށް ވިސްނައިގެން ތަރައްގީކުރަންޖެހޭ ދާއިރާއެއްކަން ފާހަގަކުރައްވަމުން، މި ހިދުމަތްތައް ދިނުމުގައި ގެންނަންޖެހޭ ބަދަލުތަކާއި ފަރުވާއަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި މީހުން ބިނާކުރުމަށް، އިންސާނީ ވަސީލަތް ތަރައްގީކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ކުއްޖާ ދޫކޮށްލުމަކީ ސިއްހީ އެހީތެރިންގެ ޒިންމާ ނިމުނީ ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ކުއްޖާ ދޫކޮށްލުމަށްފަހު ހަދަންޖެހޭ ފޮލޯއަޕްތައް ފުރިހަމަކުރުމާއި، ކުއްޖާގެ ދުޅަހެޔޮކަމަށްޓަކައި އާއިލާއިން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ ސިއްހީ ހިދުމަތްތެރިންގެ އެންމެ އިސް އެއް ޒިންމާ ކަމަށް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވިއެވެ.













