އިންސާނާގެ ސިކުނޑީގެ ފްރަންޓަލް ކޯޓެކްސްއިން، ކުރިން ނުފެނި ލޯމަތިން އޮބިފައިވާ 1000 އަށްވުރެ ގިނަ ކުދި ޕްރޮޓީން ނުވަތަ މައިކްރޯ ޕްރޮޓީން ހޯދައިފިއެވެ.
ސޯލްކް އިންސްޓިޓިއުޓާއި ރަޝް އަލްޒައިމާސް ޑިޒީޒް ސެންޓަރުގެ ސައިންސްވެރިންގެ ޓީމަކުން ހާމަކުރިގޮތުގައި، ޒަމާނުއްސުރެ ޕްރޮޓީންތައް ދެނެގަތުމަށް ބޭނުންކުރަމުން އައި އާންމު މިންގަނޑުތަކުގައި މި ކުދި ޕްރޮޓީންތައް ވަނީ ބާކިވެފައެވެ. އެއީ އެކަށީގެންވާ ވަރަށްވުރެ ކުރުވުމާއި، ބޮޑެތި ޕްރޮޓީން ކޯޑުކުރާ ބައިތަކުގެ ތެރޭގައި ފޮރުވިފައި ހުރުމުގެ ސަބަބުން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މި ހޯދުންތައް ހޯދާފައިވަނީ އަލްޒައިމާ ބަލި ހުރި މީހުންނާއި ބަލި ނެތް މީހުންގެ ޖަމާޢަތުން ކުރިން ނަގާފައިވާ ސިކުނޑީގެ ސާމްޕަލްތަކެއް، ޒަމާނީ މެޝިން ލާނިން ޓޫލެއް ކަމަށްވާ ޝޯޓްސްޓޮޕް ބޭނުންކޮށްގެން އަލުން އެނަލައިޒް ކޮށްގެންނެވެ.
މީގެ ކުރިން ހަދާފައިވާ ދިރާސާތަކުގެ ޑޭޓާ ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި، 3000 އަށްވުރެ ގިނަ ކެންޑިޑޭޓުންގެ ތެރެއިން 1067 މައިކްރޯ ޕްރޮޓީން ވަނީ ވަރަށް ރަނގަޅަށް ކަށަވަރުކުރެވިފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ޖީންތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އިތުރަށް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށް ދިރާސާކުރި ފަރާތްތަކުން ބުނެއެވެ.
ދިރާސާކުރި ޓީމަށް ވަނީ މި ޖީންތަކުގެ ތެރެއިން ޚާއްޞަ ޖީނަކާ ގުޅޭގޮތުން ބޮޑު ހައިރާންކަމަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން، އެމް.ކޭ.ކޭ.އެސް ކިޔާ ޖީނަކުން އާންމުކޮށް ފެންނާނެ ކަމަށް ފޮތްތަކުގައި ލިޔެފައިވާ ބޮޑު ޕްރޮޓީންގެ ބައެއް ސިކުނޑީގެ ސާމްޕަލްތަކުން މުޅިންހެން ނުފެންނަ ކަމަށާއި، ނަމަވެސް އެ ސަރަޙައްދުން 63,މިނޯ އެސިޑްގެ ކުދި ޕްރޮޓީންތައް އެތައް ހާސްފަހަރަކު އުފެދިފައިވާކަން ވަނީ ހޯދިފައެވެ. އަދި އަލްޒައިމާ ބަލި ހުރި މީހުންގެ ސިކުނޑީގައި މިފަދަ މައިކްރޯ ޕްރޮޓީންތައް މަދުކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
މި ކުދި ޕްރޮޓީންތައް މަދުވުމުން ސިކުނޑީގެ ސެލްތަކަށް ހަކަތަ ފޯރުކޮށްދޭ މައިޓޮކްރޮންޑްރިއާގެ މަސައްކަތްތަކަށް ބަދަލު އަންނަ ކަމަށް އިތުރު ޓެސްޓުތަކުން ދައްކާފައިވެއެވެ. ސިކުނޑީގެ ދިފާޢީ މަސައްކަތްކުރާ މައިކްރޮގްލިއާ ސެލްތަކުގައި މި މައިކްރޯ ޕްރޮޓީން ނައްތާލުމުން ސެލްތަކުން ހަކަތަ ބޭނުންކުރާ މިންވަރު ދަށްވެފައިވާކަން ކްރިސްޕަރ އުޞޫލުން ކުރި ޓެސްޓުތަކުން އެނގިފައިވެއެވެ.
ނޭޗަރ އޭޖިންގ ޖާނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާގެ މަޢުލޫމާތާއި އަލަށް ހޯދުނު ޕްރޮޓީންތަކުގެ ލިސްޓު މިހާރު ވަނީ އޮންލައިންކޮށް ޢާންމުކޮށްފައެވެ.









