ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ އެކި ފީތައް ޤަވާއިދުން ދައްކާ އަދި އެއްވެސް މައްސަލައެއް ނެތް ވަޒީފާދޭ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ލުއިތަކެއް ލިބޭނެ ޚާއްޞަ ނިޒާމެއް ތަޢާރަފްކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރުގެ ނައިބު އަޙުމަދު އަސަދު ވިދާޅުވީ، ދުވާލެއްގެ މައްޗަށް އެ ވުޒާރާއަށް 1،700 އާއި 2،000 އާ ދެމެދުގެ އަދަދަކަށް އެޕްލިކޭޝަން ހުށަހަޅާ ކަމަށެވެ. އެހެންކަމުން، ބްލެކްލިސްޓް ނުވެ، ވޯކް ޕާމިޓް ފީ އާއި ކޯޓާ ފީ ޤަވާއިދުން ދައްކަމުންދާ ފަރާތްތައް ފާހަގަކޮށް، ”ވައިޓް ލިސްޓް“ އެއް ތަޢާރަފްކުރުމުން އެ ފަރާތްތަކުގެ އެޕްލިކޭޝަންތައް މާ އަވަހަށް ޕްރޮސެސް ކުރެވިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ނިޒާމު ހިންގުމަށް ހަމަޖެހިފައިވަނީ ޚާއްޞަ ރޭޓިންގ އުސޫލެއްގެ ދަށުންނެވެ. މިކަމާ ގުޅޭގޮތުން އެ ވުޒާރާގެ ނައިބު އަޙްމަދު އިބްރާހީމް ދީދީ ވިދާޅުވީ، ޤަވާއިދަށް ޙުރުމަތްތެރިކޮށް ހިތާ މިންވަރަކުން ވަޒީފާދޭ ފަރާތުގެ ރޭޓިންގ މަތިވާނެ ކަމަށެވެ. އަދި މި ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ވޯކް ޕާމިޓާއި ސައިޓް ރަޖިސްޓްރޭޝަން ފަދަ ޚިދުމަތްތައް 24 ގަޑިއިރުގެ ތެރޭގައި ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ޤަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުންވެސް ހިމެނެއެވެ. އެގޮތުން، ޤަވާއިދުން ފީ ނުދައްކާ އަދި ޖޫރިމާނާ ނުދައްކާ ފަރާތްތަކަށް ’އެކްސްޕެޓް ސިސްޓަމް’ގެ ޚިދުމަތް މިހާރު ދަނީ މެދުކަނޑާލަމުންނެވެ.
މި ސަރުކާރުން މަސައްކަތާ ހަވާލުވިއިރު، ކޯޓާ ފީއާއި ޖޫރިމާނާގެ ގޮތުގައި ދައުލަތަށް ނުލިބި 1.7 ބިލިޔަން ރުފިޔާ އޮތް ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭގެ ތެރެއިން 1.2 ބިލިޔަން ރުފިޔާ ހޯދިފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ. އަދި ބޮޑެތި އަދަދުތަކުން ޖޫރިމާނާ ވެފައިވާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން، އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސައިދީފައެވެ.











