އދ. ގެ އާންމު މަޖިލީހުގައި (ޔޫއެންޖީއޭ) ބައިވެރިވުމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، ރައީސް މަސްޢޫދު ޕެޒެޝްކިޔާން އާއެކު ނިއުޔޯކަށް ފުރައިފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި، މި ދަތުރުގައި އެމެރިކާއަށް ދިޔުމުގެ ކުރިން އީރާނުގެ ވަފުދުން ޤަތަރަށް މަޑުކުރާނެއެވެ.
ޤަތަރަކީ އެމެރިކާއާއި އީރާނާ ދެމެދު ސިއްރު މަޝްވަރާތައް ކުރިއަށްގެންދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ޤައުމެވެ. އެހެންކަމުން ނިއުޔޯކަށް ދިޔުމުގެ ކުރިން ޤަތަރަށް މަޑުކުރުމަކީ، އެމެރިކާއަށް މުހިންމު މެސެޖުތަކެއް ރައްދުކުރުމަށް ބޭނުންކުރާނެ ޑިޕްލޮމެޓިކް ފުރުޞަތެއްކަމަށް ބެލެވެއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދިޔަ ނަމަވެސް، އދ. ގެ މައި މަރުކަޒު ހުންނަ ޤައުމުގެ ހައިސިއްޔަތުން އެމެރިކާއިން ވަނީ އީރާނުގެ ވަފުދަށް ވިސާ ދޫކޮށްފައެވެ. ވިސާ ދޫކުރި ނަމަވެސް، އެމެރިކާއިން ވަނީ އީރާނުގެ ވަފުދަށް ނިއުޔޯކް ސިޓީގެ ވަކި ސަރަޙައްދަކަށްވުރެ ބޭރަށް ދިއުން މަނާކޮށްފައެވެ. އަދި އެއްވެސް ބާވަތެއްގެ އަގުބޮޑު (ލަގްޒަރީ) މުދަލެއް ގަތުންވެސް ވަނީ މަނާކޮށްފައެވެ.
އީރާނަށް ވިސާ ދޫކުރި ނަމަވެސް، އެމެރިކާއިން ވަނީ ވިދިވިދިގެން ދެވަނަ އަހަރަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްއަށް ވިސާ ދިނުމަށް އިންކާރުކޮށްފައެވެ. ސަބަބެއްކަމަށް އެމެރިކާއިން ބުނަނީ، އިޒްރޭލާ ދެކޮޅަށް ބައިނަލްއަޤްވާމީ ކޯޓުތަކަށް ފަލަސްޠީނުން މައްސަލަ ހުށަހަޅަމުންދިއުމެވެ. މީގެ ސަބަބުން މަޙްމޫދު އައްބާސް އދ. ގެ މަޖިލީހުގައި ތަޤުރީރުކުރާނީ ވީޑިއޯ މެދުވެރިކޮށެވެ.












