ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތްތަކަށް ތައްޔާރުވުމުގެ ގޮތުން، ވެސްޓްޕާކް ސަރަހައްދުން އެ މަގުގެ އެއްފަޅި މިރޭ ބަންދުކުރުމަށް ނިންމައިފިއެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވަނީ، ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ފުރިހަމަކުރުމަށްޓަކައި، މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއްފަޅި އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ
މަގު ބަންދުކުރުމާ ގުޅިގެން އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ކުރިމަތިވެދާނެ ދަތިތަކަށްޓަކައި އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ. އަދި މަސައްކަތް ކުރިއަށްދާއިރު ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މި މުހިންމު މަޝްރޫއުގެ ދަށުން، ބޮޑުތަކުރުފާނު މަގުގެ އެކި ސަރަހައްދުތަކުގައި ތާރުއެޅުމުގެ އިތުރުން، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް މިހާރުވެސް ބާރުދުވެލީގައި ދަނީ ކުރިއަށެވެ.













