ޔަމަނުގެ ހޫޘީން ސަޢޫދީ ޢަރަބިއްޔާއަށް ދެމުންގެންދާ ޙަމަލާތައް ވަރުގަދަވުމާ ގުޅިގެން، ސަޢޫދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަސްކަރީ ގޮތުން އެހީތެރިވުމަށް ތައްޔާރަށް އޮތްކަމަށް ތުރުކީ (ތުރުކިޔޭ) އާއި ޕާކިސްތާނުން ހާމަކޮށްފިއެވެ.
ތުރުކިޔޭގެ ޚާރިޖީ ވަޒީރު ހަކަން ފިދާން ބުނިގޮތުގައި، ސަޢޫދީގެ ދިފާޢީ ބޭނުންތައް ފުއްދައިދިނުމަށް ތުރުކީ އޮތީ ތައްޔާރަށެވެ. މިއާއެކު ދާދިފަހުން މި ތިން ޤައުމުގެ މެދުގައި ސޮއިކުރެވުނު ’މައްކާ ޕެކްޓް‘ ނުވަތަ ގުޅިފައިވާ ދިފާޢީ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފާނެކަމުގެ އުއްމީދުތައް ވަނީ ބޮޑުވެފައެވެ.
ޚާރިޖީ ވަޒީރު ފިދާން ކުރިން ބުނެފައިވާ ގޮތުގައި މައްކާ ޕެކްޓް މަސައްކަތްކުރާނީ ނޭޓޯގެ އެއްބަސްވުމާ އެއްގޮތަށެވެ. އެގޮތުން ޙަމަލާއެއް އަމާޒުވާ ޤައުމަކުން އެހީއަށް އެދި ރަސްމީކޮށް ހުށަހަޅައި، ބޭނުންވަނީ ކޮންކަހަލަ އަސްކަރީ އެހީތެރިކަމެއްކަން ބަޔާންކުރަންޖެހޭނެއެވެ.
ތުރުކީއެކޭ އެއްގޮތަށް ޕާކިސްތާނުންވެސް ވަނީ ސައުދީގެ ސިޔާދަތު ދިފާޢުކުރުމުގައި ފުރިހަމައަށް ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަން ދީފައެވެ.
އެމެރިކާއިން ވަނީ ހޫޘީންނާ ދެކޮޅަށް ސީދާ އަސްކަރީ ޙަމަލާތަކެއް ދިނުމަށް ސައުދީން ކުރި އެދުމަށް ދެކޮޅުހަދާފައެވެ. އޭގެ ބަދަލުގައި އެމެރިކާގެ އަމާޒަކީ ހަމައެކަނި ބައިނަލްއަޤްވާމީ ވިޔަފާރީގެ މަގުތައް ހިމާޔަތްކުރުމެވެ. މީގެ ސަބަބުން ސައުދީއަށް މިހާރު މަޖުބޫރުވެފައިވަނީ އީރާނުގެ މަދަދު ލިބޭ ޖަމާޢަތްތަކާ ދެކޮޅަށް އަމިއްލަ ދިފާޢުގައި ހަނގުރާމަކޮށް، ސަރަޙައްދީ ބައިވެރިންގެ އެހީތެރިކަން ހޯދާށެވެ.
މިވަގުތު ތުރުކިޔޭ ނުވަތަ ޕާކިސްތާނުގެ ސިފައިން ސީދާ ޔަމަނުގެ ބިމަށް ފައިބައިގެން އެއްގަމު މަގުން ހަނގުރާމަކުރުން އެކަށީގެންނުވި ނަމަވެސް، ސަޢޫދީއިން ރަސްމީކޮށް އެހީއަށް އެދިއްޖެނަމަ ޒަމާނީ ވައިގެ ދިފާޢީ ނިޒާމުތަކާއި، އިލެކްޓްރޯނިކް ވޯފެއަރ ޓެކްނޮލޮޖީ އަދި އަސްކަރީ ލަފާދޭ މާހިރުން ފޮނުވުމަކީ ވަރަށް ގާތްކަމެކެވެ.











