ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި، ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްކަންވެސް ކުރެއްވި ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުން ހިތާމަ ފާޅުކުރައްވައި އެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މަރްޙޫމް ޑރ. މުޙައްމަދު ޢަލީއަކީ 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަޤާމާއި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަޤާމުގެ އިތުރުން ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަންވެސް އެމަނިކުފާނު ކުރައްވާފައިވެއެވެ.
ދައުލަތުގެ ޚިދުމަތުގެ އިތުރުން މަރްޙޫމަކީ އިޖްތިމާޢީ އެކި ކަންކަމުގައި، ވަކިން ޚާއްޞަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ ދާއިރާތަކުން މުޖުތަމަޢަށް އަގުހުރި މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވައި ޢިލްމީ ދިރާސާތައް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ. އަދި އެމަނިކުފާނަކީ ޚުލްޤު ހެޔޮ، ދީންވެރި، ނަމޫނާ ޝަޚްޞިއްޔަތެއްގެ އިތުރުން އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ޤަދަރުވެރި ބޭފުޅެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މި ފުން ހިތާމައިގެ ވަގުތު، މަރްޙޫމްގެ ޢާއިލާއަށާއި އެކުގައި މަސައްކަތކުރެއްވި އެންމެހައި ބޭފުޅުންނަށް ރައީސް މުޢިއްޒު ވަނީ ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޑރ. މުޙައްމަދު ޢަލީ ލެއްވެވުން އެދި ދުޢާކުރައްވާފައިވެއެވެ.













