ޤަވާއިދާ ޚިލާފަށް އަމިއްލަ ކުންފުންޏަކަށް ބިންތަކެއް ދޫކޮށްފައިވާ މައްސަލައެއްގައި، ގދ. ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު ޢަލީގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމައިފިއެވެ.
ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް ތިނަދޫއިން ބިމެއް ހޯދުމަށް އަމިއްލަ ކުންފުންޏަކުން ހުށަހެޅުމާ ގުޅިގެން، ބީލަމަށް ހުޅުވާނުލައި ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ބިން ދޫނުކުރެވޭނެކަން ގަވާއިދުގައި ބަޔާންކޮށްފައި ވަނިކޮށް އެ ކައުންސިލުން ވަނީ އުޞޫލުތަކާ ޚިލާފަށް އެ ކުންފުންޏަށް ބިންތަކެއް ދޫކޮށްފައެވެ.
ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި ނިންމާފައިވާ މި ނިންމުމަކީ އިޢުލާންކުރުމަކާ ނުލައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް އޭސީސީގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސަޢުދު ޢަލީ ސޮއިކުރައްވާފައިވާ ކަމަށާއި ގަވާއިދާ ޚިލާފަށް ދޫކުރި އެއް ބިމުގެ އިތުރުން ދެއާހަރުގެ ތެރޭގައި 2000 އަކަފޫޓުގެ އިތުރު 3 ބިން ވެސް އެ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވަނީ ސަޢުދު ޢަލީގެ އިތުރުން އެ ކައުންސިލްގެ މެންބަރުން ކަމަށްވާ އާމިނަތު ނަސީމާއި އަހުމީމާ އަޙްމަދު އަދި ޢާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށެވެ.
މި އެންމެހާ ފަރާތްތަކުގެ މައްޗަށް އުފުލުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ. މި މަހުގެ 10 ވަނަ ދުވަހު މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވާ އިރު، މިއީ ދައުލަތުގެ މުދަލާއި ބިންތައް ދޫކުރުމުގައި ޤާނޫނީ އިމުގެ ބޭރުން އަމަލުކޮށްފައިވާ ކަމަށް ބުނެ އޭސީސީން ބަލަމުން އައި މައްސަލައެކެވެ.












